ދިވެހިން ބަނޑު ހިންދައިގެން ކަމަރު އަޅައި ބާރު ކުރަން ގާސިމް ގޮވާލައިފި
ދެންމެ | 20 އޯގަސްޓް 2024

ބޭރަށް ދައްކަންޖެހޭ ބޮޑު ދަރަނީގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ދިމާވެފައިވާ މައްސަލަތައް ފާހަގަ ކުރައްވައި، އެކަމުން ސަލާމަތްވުމަށް ކަމަރުތައް ބާރުކޮށް ބަނޑު ހިންދާލައިގެން ތިބެންޖެހޭ ދުވަސް ކައިރިވެފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު، މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އާބަން ސަރަހައްދުތައް ކަނޑައަޅައި، އެ ސަރަހައްދުތައް ހިންގުމުގެ ބާރު އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ދޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އާބަން ޑިވެލޮޕްމަންޓް ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައި ވަނީ ދަރަނި ބަޖެޓްތަކެއް ކަމަށެވެ. އެއީ އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދިނުމުގެ ގޮތުން ކުރި ކަމެއް ނަމަވެސް އެކަން ހުއްޓާލާނީ ކޮން ހިސާބަކުންކަން މެންބަރުން ވިސްނާލަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ތިންބާރު ވަކިކޮށް، ތެދުވެރި އަމާނާތްތެރި ނިޔަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދާކުރަންޖެހޭ ޒިންމާތަކެއް ވަރަށް ސާފުކޮށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ކަމަށެވެ.

އެހެންކަމުން ގައުމުގެ މި ހާލަތަށް މިއަދާ ހަމައަށް އަންނަން ޖެހެނީ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތެއް ނެތިގެން ކަމަށް ގަބޫލުކުރުމަކީ ހަމައެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ ވެސް މަސްއޫލިއްޔަތުތަކެއް، އަޅުގަނޑުމެން އަދާކުރަންޖެހޭ ގޮތަށް އަދާ ނުކުރެވިގެން ގޮސްފައި އެބައޮތް، އެހެންވީމާ މިކަމުގައި ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން އެކަންޏެއް ނޫން ގޯސް ހަދައިފަ އޮތީ،“ ގާސިމް ވިދާޅުވިއެވެ.

އެހެންކަމުން އަބަދު ޕާޓީލައިނުން ވާހަކަ ދެއްކުމުގެ ބަދަލުގައި އެކުވެރިކަމާއި އިހުލާސްތެރިކަމާ އެކު، ގައުމު މިއަދު އޮތް ހާލަތުން ސަލާމަތްކުރަންކުރަން އެންމެ މަސައްކަތްކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މިހާލަތުގައި، މުޒާހަރާކޮށް، ގައުމު ފަސާދަކުރުމަށް އިތުރަށް ކުރާ ކަންތައްތަކުން ކުރިމަތިވާނީ އިތުރު ގޯސްތައް ކަމަށެވެ. އެހެންކަމުން ފިކުރުވެރިކަމާއި އިހްލާސްތެރިކަމާ އެކު އެކީގައި މަސައްކަތް ކޮށްގެން އަޅުގަނޑުމެން އެންމެން މިކަމުން ސަލާމަތްވުން މެންބަރުންނަށް ދަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!