ބުޅާ މަސް ކެއުމާއި ގަނެވިއްކުން ޙަރާމްވާނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ޝެއިހް ސަމީރު މީސް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބުޅާ މަހަކީ ހަރާމް އެއްޗެއް ކަމަށާއި، ބުޅާ މަސް ކެއުމާއި ގަނެ ވިއްކުން ޙަރާމް ކަމަށެވެ. ޝެއިހް ވިދާޅުވީ ނޭނގި ބުޅާ މަސް ކެއުމަކުން ފާފަވެރިއެއް ނުވާނެ ކަމަށެވެ.
ބުޅާ މަސް ކެއުމުގެ ހުކުމާ ބެހޭގޮތުން ޝެއިހް ސަމީރު ޕޯސްޓެއް ކުރައްވާފައި މިވަނީ މާލޭގައި ބުޅާ މަސް ބޭނުންކޮށްގެން ކާބޯތަކެތި ވިއްކި ކަމަށް ބެލެވޭ ބިދޭސީއެއްގެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މާލޭގައި ބުޅާ މަހުން ކާނާ ތައްޔާރުކޮށް ވިއްކި ކަމަށް ބުނާ ބަންގްލަދޭޝް މީހެއްގެ މައްސަލަ މިހާރު ވަނީ ފުލުހުން ވެސް ބަލަން ފަށާފައެވެ.
މި މައްސަލަ ފުރަތަމަ ފެންމަތިވީ މީސްމީޑިޔާގައި މީހަކު ހިއްސާ ކުރި ވީޑިއޯއަކުންނެވެ. އެގޮތުން އެ ވީޑިއޯއިން ފެންނަނީ ބުޅާ މަހުން ކާނާ ތައްޔާރުކުރާ ކަމަށް ތުހުމަތު ކުރެވޭ ބަންގްލަދޭޝް މީހާ ބުޅާތައް އަތުލުމަށް ކޮތަޅެއް ހިފައިގެން ބުޅާ އުޅޭ ސަރަހައްދެއްގައި ހުންނަ މަންޒަރެވެ.
ފުލުހުން އިއްޔެ ވަނީ މި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ. ފުލުހުން ބުނާ ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރަނީ އަރަފާތު ހުސައިން ނަމަކަށް ކިޔާ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ފިރިހެނެއްގެ މައްޗަށެވެ.
ބުޅާ މަހުން ހަދާފައި ހުރި ކާނާ ފިހާރަތަކުގައި ވިއްކާކަމަށް ވެސް އަޑުފެތުރި އަދި އާންމު ވެފައިވާ އިތުރު ވީޑިއޯތަކުންވެސް އެކަމަށް ބާރުލިބޭ މަންޒަރުތައް ފެނިފައިވާއިރު މި މައްސަލަ ބެލުމަށް މާލޭގެ ގިނަ ބަޔަކު މިހާރު ވަނީ ގޮވާފައެވެ.
ޝެއިޙް ސަމީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޭގި ބުޅާ މަސް ކެއުމަކުން ފާފަވެރި ނުވާނެ ކަމަށެވެ.