ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ދުވަސްވަރުން ފެށިގެން މިހާތަނަށް ސަރުކާރުން ހިންގި މަޝްރޫއުތަކުން ބޯހިޔާވަހިކަން ފޯރުކޮށްދިން ފަރާތްތަކުގެ ތެރެއިން ކުލި (މަހުން މަހަށް ބަހާލައިގެން އަގު) ނުދައްކާ މީހުންގެ މައްސަލަ ބޮޑެވެ. އެއީ އެއްވެސް ސަރުކާރަކަށް ހައްލުވި ކަމެއް ނޫނެވެ. ކުލި ނުދެއްކުމުގެ އިތުރުން އެ ތަންތަން ކުއްޔަށް ދިނުން ހުއްޓުވުމަށް ވެސް އޮތީ ނުކުޅެދިފައެވެ. ކޮންމެ ސަރުކާރަކުން ވެސް އެ ވާހަކަ ދައްކައެވެ. ފިޔަވަޅު އަޅާނެ ކަމަށް ބުނެއެވެ. އެހެން ނަމަވެސް ހައްލެއް ހޯދިފައެއް ނުވެއެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ހިޔާ ޓަވަރުތަކުގައި ވެސް ކުރިމަތިވެގެން އުޅެނީ ހަމަ އެ މައްސަލައެވެ. ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނާ ގޮތުން ހިޔާ ޓަވަރުން ބަރާބަރަށް ކުލި ދައްކާ ނިސްބަތް އުޅެނީ 35 ޕަސެންޓްގައެވެ. ހަމަ އެކަނި ހިޔާ މަޝްރޫއު އެކަންޏެއް ނޫނެވެ. އޭގެ ކުރިން ދޫކޮށްފައިވާ ފްލެޓްތަކުން ވެސް ކުލި ދެއްކުމުގައި ބޮޑެތި މައްސަލަތައް އެބަ އުޅެއެވެ. އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ދޫކޮށްފައިވާ ގިނަ ފްލެޓްތަކެއް ކުއްޔަށް ވެސް ދީފައި އެބަ ހުއްޓެވެ.
ނިކަމެތިން ކުލި ނުދެއްކީމާ އެ ވާހަކަ މި ދައްކަނީ، އަގު ބޮޑު ބިންތަކުން ވެސް ކުލި ނަގަންވީ ނޫންތޯ؟
ކުލި ނުދައްކާ މީހުންނާއި ތަންތަން ކުއްޔަށް ދީގެން އުޅޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނުމާ އެކު ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުންނެވެ. އެއްބަޔަކު އެކަމަށް ތާއީދުކޮށް ވާހަކަ ދައްކާ އިރު އެކަމާ ގުޅިގެން ހުރި ޝަކުވާތައް ވެސް ވަކި ކުޑައެއް ނޫނެވެ. ހާއްސަކޮށް ވަކި ބަޔަކާ މެދު ވަކި ގޮތަކަށް އަމަލުކުރާކަމުގެ ޝަކުވާއެވެ.
ސޯޝަލް މީޑިއާ ހާވާލުމުން ގިނަ ބައެއްގެ ޝަކުވާ ހުރީ މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހުޅުމާލެ2 އިން މިދިޔަ ސަރުކާރުން ދޫކުރި ގޯތިތަކާ މެދުގައެވެ. އެ ގޮތުން އެތައް ބިލިއަން ރުފިޔާގެ ގޯތި މާލެއިން ހިލޭ ބެހި އިރު ހިޔާ ފްލެޓްގައި ދިރިއުޅޭ ނިކަމެތިން ކުލި ދައްކަންޖެހެނީ ކީއްވެތޯ ވެސް ސުވާލުކޮށްފައި ވެއެވެ.
“2.7 މިލިއަން ދައްކަންޖެހޭ 600 އަކަފޫޓު ހަމަނުވާ ދެ ކޮޓަރީގެ ކުޑަ ހިޔާ ފްލެޓުން ތިރި ބަލާލާއިރު ފެންނަން އޮތީ ހަމަ ސަރުކާރުން ހިލޭ ބަޔަކަށް ދީފައިވާ 10 މިލިއަން ރުފިޔާގެ އަގު ހުރި 1،250 އަކަފޫޓުގެ ބިން. އެ ތަންތަނުން ލޯ ލާރި ވެސް ނުނަގާ. ދެން އަހަރެމެން ނިކަމެތިން ކުލި ނުދެއްކީމާ އެ ވާހަކަ މި ދައްކަނީ. އަގު ބޮޑު ބިންތަކުން ވެސް ކުލި ނަގަންވީ ނޫންތޯ؟” ސޯޝަލް މީޑިއާގައި މީހަކު ހިޔާލު ފާޅުކޮށްފައި ވެއެވެ.
އެ ވިސްނުމަށް ތާއީދުކުރާ ފަރާތްތަކުން ދެކޭ ގޮތުން އެއް ބަޔަކަށް އެތައް މިލިއަން ރުފިޔާގެ އަގު ބޮޑު ބިންތަކެއް ދީފައި އަނެއް ބަޔަކު ކުޑަކުޑަ ތަންކޮޅަކަށް 27 އަހަރު ވަންދެން ތިން މިލިއަނެއްހާ ރުފިޔާ ދައްކަން ޖެހުމަކީ ވަރަށް ބޮޑު ނާއިންސާފެކެވެ. ބިންވެރިޔާ ސްކީމަކީ އާބާދީގެ މެދުގައި ތަފާތުކޮށް ފަންތިތައް އުފަންކުރުމަށް ކުރީގެ ސަރުކާރުން ހިންގާފައި އޮތް ބޮޑު ޖަރީމާއެއް ކަމާއި ހިޔާ ފްލެޓްތަކުން ކުލި ނުދައްކަން ބަޔަކަށް ލިބުނު ހިތްވަރެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ދެކެއެވެ.
ހިޔާ ފްލެޓްތައް ކުއްޔަށް ދޭ މައްސަލާގައި އެއްބަޔަކު އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް ގެންދަނީ އަޑު އުފުލަމުންނެވެ. ބޯހިޔާވަހިކަމަށް ދޫކުރި ތަނަކުން ވިޔަފާރީގެ މަންފާ ހޯދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ފަރާތްތަކުން ދެކެއެވެ. އެހެން ނަމަވެސް އެ އަށް ޖަވާބު ދޭ ފަރާތްތަކުން ބުނަނީ މިހެންނެވެ.
“ބޯހިޔާވަހިކަން ނެތިގެން ހުޅުމާލެއިން ހިލޭ ދިން ބިންތަކުގައި ކެފޭތަކާއި ގަރާޖްތަކާއި ގުދަންތައް ހަދައިގެން އެހަރަ ގެންދަނީ ވިޔަފާރިކުރަމުން. ދިރިއުޅެވޭނެ ގޮތެއް ނެތިގެން ދިން ބިމަކުން ވެސް ކުއްޔެއް ނުދޭ. ވިޔަފާރިކުރޭ. ކުއްޔަށް ވެސް ދެވޭ. އެހެންވީމާ އުޅެވޭނެ ގޮތެއް ނެތިގެން ދިން ފްލެޓުން ކުލި ދައްކަންޖެހެނީ ކީއްވެ؟ ކުއްޔަށް ނުދެވެންވީ ކީއްވެ؟ ވިޔަފާރި ނުކުރެވެންވީ ކީއްވެ؟ އެއް ހާލަތެއްގައި ތިބި ދެ މީހުންނަށް ދެ ގޮތަށް އަމަލުކުރެވެނީ ކޮން ގާނޫނަކުން؟” ނޫހަކަށް ކޮށްފައި އޮތް ކޮމެންޓެއްގައި މީހަކު ބުނެފައި ވެއެވެ.
އަނެއް ބަޔަކު ދެކޭ ގޮތުގައި ސަރުކާރުގެ ޒިންމާއަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. އެ ބޯހިޔާވަހިކަން ބޭނުންކޮށްގެން އެ މީހެއްގެ ދިރިއުޅުން ތަރައްގީކުރުމަކީ އެ މީހެއްގެ ޒިންމާއެކެވެ. ސަރުކާރުން ދޭ ތަންތަނަކީ ވެސް ވަކި އަގެއް ދީފައި ގަންނަ ތަންތަނަށް ވުމުން އެ ތަނެއް ކުއްޔަށް ދިނުމުގައި ގޯހެއް އޮވެގެން ނުވާނެއެވެ.
“ޕްރައިވެޓް ޕްރޮޕަޓީތަކުން ފްލެޓް ގަންނަ މީހާ ވެސް ދައްކަނީ އަގެއް. ބޭންކުން ލޯނު ނަގައިގެން ދައްކަންޏާ ހަމަ ވިއްސަކަށް އަހަރުން ދައްކަނީ. ހިޔާ ފްލެޓް މީހާ ވެސް އެބަ ދައްކާ ތިން މިލިއަނެއްހާ ރުފިޔާ. އެހެންވީމާ ހިލޭ ލިބުނު ތަނެއް ނޫން އެއީ ވެސް. އެ މީހެއްގެ އަމިއްލަ ތަނެއް އެ މީހަކަށް ކުއްޔަށް ދެވެންޖެހޭނެ،” ހިޔާ ފްލެޓްގައި ދިރިއުޅޭ މީހަކު ބުންޏެވެ.
އެހެން މީހަކު ބުނީ ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ވެސް އެތައް ބަޔަކު ހިޔާ ފްލެޓް ކުއްޔަށް ދީގެން އުޅޭ ކަމަށެވެ. އެހެންކަމުން އެއީ މާ ބޮޑު މައްސަލައަކަށް ވެގެން އުޅެންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް އޭނާ ދެކެއެވެ.
ބޯހިޔާވަހިކަން ލިބުމުގެ ކުރިން ވެސް އުޅުނު ހާލުގައި ހިޔާ ފްލެޓްގައި އުޅުމަށް ވުރެ ރަނގަޅު ގޮތެއް ހޯދުމުގައި ކުށަކީ ކޮބާ؟
“ހިޔާ ފްލެޓްގެ މަޝްރޫއު އިއުލާންކުރި އިރު މުޅިން ވެސް ހުރީ ދެ ކޮޓަރި. އެހެންވީމާ އޭރު ތިން ކޮޓަރީގައި ނޫނީ ނޫޅެވޭނެ އާއިލާތަކުން ވެސް އިތުރު ޗޮއިސްއެއް ނެތުމުން ކުރިމަތިލީ. އެކަމަކު ކިހިނެއްތޯ ދެ ޖިންސުގެ ދެ ކުދިން އެއް ކޮޓަރިއަކަށް ލައިގެން ނޫނީ އަބަދު ސިޓީން ރޫމްގައި ނިންދަވައިގެން އުޅޭނީ. އެހެންވީމާ ލިބުނު ދެ ކޮޓަރި ކުއްޔަށް ދީފައި އެ އަށް ކުޑަ ފައިސާކޮޅެއް ލާފައި ތިން ކޮޓަރީގެ ތަނެއް ކުއްޔަށް ހިފައިގެން މިއުޅެނީ. ކޮބައިތޯ މީގައި ގޯހަކީ. ސަރުކާރުން ކޮށްދިން ކަމަކީ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުން. އެކަމަކު ބޯހިޔާވަހިކަން ލިބުމުގެ ކުރިން ވެސް އުޅުނު ހާލުގައި ހިޔާ ފްލެޓްގައި އުޅުމަށް ވުރެ ރަނގަޅު ގޮތެއް ހޯދުމުގައި ކުށަކީ ކޮބައިތޯ؟” ހިޔާ ފްލެޓް ލިބުނު ނަމަވެސް މިހާރު އެ ތަން ކުއްޔަށް ދީފައި ތިން ކޮޓަރީގެ ތަނެއްގައި ކުއްޔަށް އުޅޭ މީހަކު ބުންޏެވެ.
އޭނާ ބުނީ އެއް ކޮޓަރީގައި ދިރިއުޅެނިކޮށް އާއިލާ ބޮޑުވެ، ދެ ކޮޓަރި އަށް ބަދަލުވާ މީހުންނާއި ދެ ކޮޓަރީގައި އުޅެމުން އަންނަނިކޮށް ހާލަތު ބަދަލުވެ، ތިން ކޮޓަރި އަށް ބަދަލުވާންޖެހޭ މީހާ އަށް އެ ފުރުސަތު މި ވަގުތު ނެތް ކަމަށެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެ ގޮތަށް ބަދަލުކުރަންޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފުރަތަމަ އިއުލާނުކުރީ އެ ނިޒާމަށް ފެއްތުމަށް އަމާޒު ހިފައިގެންނެވެ. ނަމަވެސް ސަރުކާރު ބަދަލުވި އިރު ވެސް އެފަދަ މަޝްރޫއެއް ނިންމާލެވިފައެއް ނުވެއެވެ. އާ ސަރުކާރުން އަދި އާ މަޝްރޫއެއް ފަށައި ނުވަތަ އެ ކަމާ މެދުގައި ގެންގުޅޭ ސިޔާސަތެއް ހާމަކޮށްފައެއް ނެތެވެ.
އަނެއް ބަޔަކު ދެކޭ ގޮތުގައި ހިޔާ ފްލެޓްގައި ދިރިއުޅޭ އާދައިގެ ނިކަމެތި މީހާ ކުލި ނުދައްކައިގެން ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ބުނާ އިރު ދައުލަތަށް ދައްކަންޖެހޭ އެތައް ފައިސާއެއް ނުދައްކާ ވިޔަފާރިވެރިން މިނިވަންކަމާ އެކު އަރާމުގައި، ހަމަ އެކުރާ ވިޔަފާރިތައް ފުޅާކުރުމުގައި ދެމި އެބަ ތިއްބެވެ. ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދައްކާ ވިޔަފާރިތަކުގެ ވެރިން ދައުލަތުގެ މަތީ މަގާމުތަކުގަ އާއި ރައްޔިތުންގެ މަޖިލީހުގައި ވެސް ތިއްބެވެ. ސަރުކާރަށް އެޅުނު ފިޔަވަޅެއް ނެތެވެ. ފުރަތަމަ ފަށަންވީ މަތިފަޑިންނެވެ.
” ރިޒޯޓު ކުލީގެ ގޮތުގައި ނުދައްކާ ހުރި ކުލި ހޯދާފަ އާދޭ ފްލެޓް ކުލި ހޯދަން. މިލިއަނުން ދައްކަން ޖެހޭ މީހުން ފްރީ. ރިޒޯޓު ވެސް ނާތުލެވޭ. އަހަރުމެން ނިކަމެތިން ފެލަން ނޫޅޭ،” ހިޔާ ފްލެޓާ ގުޅޭ ގޮތުން ނޫހެއްގައި ޝާއިއުކޮށްފައި އޮތް ޚަބަރަކަށް މީހަކު ކޮމެންޓް ކޮށްފައި ވެއެވެ.
އަނެއް ބަޔަކު ދެކޭ ގޮތުގައި ކުލީގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނެވެން އޮތީ ގާނޫނޫތައް ހަރުދަނާކޮށް ތަންފީޒު ވެސް ކުރެވިގެންނެވެ.
ހިލޭގޯތި ދިނުމުގެ ނިޔަތާއި މެދު ސުވާލު މިހާރުވެސް އުފެދޭ
އެ ގޮތުން ބޯހިޔާވަހިކަން ހޯދޭނެ ފަސޭހަ ގޮތްތައް ތައާރަފްކޮށް އެފަދަ ކަންކަމަށް ނަގާ ލޯނުތަކުގެ އިންޓެރެސްޓް ކުޑަކުރެވޭނެ މަގުތައް ތަނަވަސްވުމުން ކުލީގެ މައްސަލަ އާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދައުލަތުން ހިންގާ މަޝްރޫއުތަކަށް ވެސް ބާރު ކުޑަ ވާނެއެވެ. އަދި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުން ފަދަ ކަންކަމުގައި މިހާރު ވެސް ހުރި ގާނޫނުތައް ތަންފީޒުކުރެވޭ ނަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް މައުލޫމާތު ހޯދުން ހަރުދަނާ ވެގެންދާނެ އެވެ.
އެކި ބޭނުންތަކަށް މިދިޔަ 20 އަހަރުގެ ތެރޭގައި ރާއްޖޭގައި 50 އަށް ވުރެ ގިނަ ބިން ހިއްކާފައިވިޔަސް، ގެދޮރު ވެރިކަމުގެ މަސްރޫޢުތަކާއި އިގްތިސާދީ ބޭނުމަށް ހުރިހާ މަސްރޫޢުތަކެއް ހިންގަނީ މާލެ ސަރަހައްދަށް ހާއްސަކޮށްގެންނެވެ. ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ ގިނަ މަސްރޫޢުތަށް ހިންގާފައިވަނީ މާލެ ސަރަހައްދަށް ހާއްސަކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުން މާލެ ސަަރައްހަދަށް ހިޖުރަކުރާން މަޖުބޫރު ސިޔާސަތަކަށެވެ. މިކަމުގެ ސަބަބުން ރާއްޖެތެރޭގެ ގިނަ ބަޔަކު އުޅެނީ ބޮޑު ކުލިދައްކައިގެން މާލެ ސަރަހައްދުގައެވެ.
ބޭންކު ލޯނަކަށް ލިޔަސް ރަށުގެ ގޯތި ހަދަން ރަނގަޅު އަދަދެއްގެ ލޯނެއް ނުލިބި ބޭންކުތަކުގެ ގިނަ ލޯނު ދޫކުރަނީ މާލެ ސަރަހައްދުގެ ގޯތިވެރިންނަށެވެ. މާލޭގައި ދިރިނޫޅޭ ރާޢްޖެއިން ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް މާލޭގެ ދާއިމީ އެޑްރެސް އެއް އޮތުމުން މާލެ ސަރަހައްދުން ހިލޭ އެތަށް ބިލިއަން ރުފިޔާގެ ގޯތި ލިބިފައި، ރާއްޖޭގެ އެހެން ރައްޔިތުން މާލޭ ސަރަހައްދުގައި ކުލި ދެއްކުމުގައި ހަޔާތެއް ވޭތުކުރުމުންވެސް ބާކީވާ ސިޔާސަތަކީ ރަށްވެހިކަމުގެ ގާނޫނާއި ހިލާފު އަޕަތަައިޑު ހިމެނޭ ލަދުވެތި ސިޔާސަތެކެވެ. މިހާރުވެސް ހުޅުމާލެއިން ދެވުނު ގޯތިތަކުގައި ވިޔަފާރި ބޭނުމަށް ގުދަންކުރުމަށާއި ގޯތި ދިގުމުއްދަތަކަށް ވިއްކާލުމުގެ މަންޒަރު ފެންނަމުންދާއިރު، ހިލޭގޯތި ދިނުމުގެ ނިޔަތާއި މެދު ސުވާލު އުފެދެއެވެ.
ފާާއިތުވެ ދިޔަ ތިން އިންތިހާބުގައިވެސް މާލެ ސަރަހައްދުގެ ވޯޓުން އެމްޑީޕީ ބަލިވެފައިވަނީ އާދަޔާ ހިލާފު ދެރަ ނަތީޖާއަކުން ކަމަށްވެފައި، މަދުބަޔަކަށް ހިލޭގޯތި ދިނުމުގެ ސިޔާސަތާއި އެމްޑީޕީ ދުރުވާންޖެހޭކަމަށް ޕާޓީގެ ގިނަ ސަޕޯޓަރުންދަނީ ގޮވާލަމުންނެވެ. ރާއްޖޭގެ ރައްޔިތުންގެ ގިނަ ބަޔަކު ބާކީކޮށްގެން މަދުބަޔަކަށް މަންފާވާގޮތަށް މިފަދަ ލަދުވެތި ސިޔާސަތުތަކަށް ވަކާލާތުކޮށް ގޮވާލުމާ ދުރުވުމަކީ، އެމްޑީޕީގެ ސިޔާސީ ކުރިމަގަށާއި ޕާޓީގެ މަސްލަހަތަށްވެސް އެންމެ ރަނގަޅުގޮތްކަމަށް ދެކޭ މެންބަރުން މަދެއް ނޫނެވެ. ދާއިމީ އެޑްރެސްއަށް ބަލައިގެން ރައްޔިތުންގެ ހައްގުތަށް ކަނޑައެޅުމަކީ ނާތަހުޒީބު ސިޔާސަތަކަށްވެފައި، ދިވެހި ރައްޔިތުން ވަކިރަށަކަށްވުރެ އެންމެ ފުރަތަމަ ނިސްބަތްވަނީ ދިވެހިރާއްޖެއަށެވެ.