ބިދޭސީއަކު ބުޅާ މަހުން ކާތަކެތި ހަދާ ވިއްކިކަމަށް ތުހުމަތުކުރެވުނު ނަމަވެސް މިހާތަނަށް އެކަން ކަށަވަރުކުރެވިފައި ނުވާކަމަށްް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މާލޭގައި އުޅޭ ބުޅާ ހިފާ އޭގެ މަހުން ކާތަކެތި ހެދިކަމުގެ ތުހުމަތުގައި މިދިޔަ އަންގާރަދުވަހު ވަނީ ބަންގަލަދޭޝް ރައްޔިތަކު ހައްޔަރުކޮށްފައެވެ. އަދި މި ވާހަކަތަކާއި ގުޅިގެން ގިނަ ބައެެއްގެ މަދުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މި ވާހަކަތަކާއި ގުޅިގެން ހެލްތް މިނިސްޓަރު ޑރ ހަލީލް ވިދާޅުވީ ބިދޭސީއަކު ބުޅާމަހުން ކާތަކެތި ހެދިކަމަށް ވާހަކަ ދެކެވުނުނަމަވެސް އެކަން މިހާތަނަށް ކަށަވަރުކުރެވިފައި ނުވާކަމަށެވެ. އެހެންނަމަވެސް ކަމާއި ގުޅޭ އިދާރާތަކުން އެ މައްސަލަ ބަލަމުން އަންނަކަމަށްް މިނިސްޓަރު ވިދާޅުވިއެވެ.
“ އެގޮތަށް ބުޅާމަސް ބޭނުންކުރި ކަމެއް އަދި އެނގިފައެއް ނެތް. ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކައެއް ހުރީ. އެހެންވީމާ އަދި އަޅުގަނޑުމެންނަކަށް ކަށަވަރެއް ނުވޭ. އެކަމަކު އެކަމާ ގުޅޭ ތަހުލީލުތައް އެބަ ކުރަން. އެ ތަހުގީގުގެ އަލީގައި އެނގޭނެ މިއީ ކިހާ ފުންމިނަކަށް ގޮސްފައި އޮތް ކަމެއްކަން،“ ހެލްތު މިނިސްޓްރީ ހަލީލް ވިދާޅުވިއެވެ.
މިނިސްޓަރު ހަލީލް ވަނީ ބިދޭސީން ހިންގާ ކެފޭއަކާއި ގުޅިގެން ދެކެވުނު އެހެން މައްސަލައެއް ބަލާފައިވާކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ދުފައިރު ބޭނުންކުރާ ހުނީގެ ބަދަލުގައި ކޯނިސް ޕައުޑަރުދޭކަމަށް ބުނާ މައްސަލަ ބެލިއިރު އެ ހަގީގަތެއް ނޫންކަން އެނގިފައިވާކަމަށްް މިނިސްޓަރު ހަލީލް ވިދާޅުވިއެވެ.
“ އަޅުގަނޑުމެންނަށް ދާދި ފަހުން އައި ޝަކުވާއަކާ ގުޅިގެން، އެއީ ދުފާ އެއްޗެހީގައި ބޭނުންކުރާ ހުނީގެ މައްސަލަ. އޭގެ ޓެސްޓުގެ ނަތީޖާ ވެސް ލިބިއްޖެ، އިއްޔެ ހަވީރުގެ ވަގުތެއްގައި، އެ ހަމަ ރަނގަޅު ހުނި ބޭނުންކޮށްފައި ހުރީ. އެއްގޮތަކަށް ވެސް ކޯނިސް ފައުޑަރެއް ނޫން،“ ހަލީލް ވިދާޅުވިއެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަންތަކުގައި އިމިގްރޭޝަނުން ދަނީ ހަޑިމުޑުދާރު ތަންތާގައި ކާއެއްޗެތި ހަދާ ދިވެހިންނަށް ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ބީދޭސީ އަތުލައިގަންނަމުންނެވެ.