ލަޢުނަތް ލެއްވިފައިވާ އިބިލީހަކީ މަލާއިކަތެއް ނޫން: ހުތުބާ
ދެންމެ | 23 އޯގަސްޓް 2024

اللَّه ލަޢުނަތްލެއްވި އިބިލީހަކީ މަލާއިކަތެއް ކަމުގައި، ބައެއް މީހުން ހީކުރާ ކަމަށާ އެހެން ނަމަވެސް އެއީ ކުށްހީއެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

މަލާއިކަތުންނަށް އީމާންވުމުގެ މައްޗަށް އަލިއަޅުލާއި މިއަދު އިއްވު ޚުތުބާގައި ބުނީ، އެއީ އީމާންކަމުގެ ރުކުނެއް ކަމަށެވެ. އަދި މަލާއިކަތުންނަކީ اللَّه تَعَالَى މާތްކުރައްވައިފައިވާ މަޚްލޫޤުންތަކެއް ކަމަށާ މުސްލިމުން މަލާއިކަތުންނަށް އީމާންވާން ޖެހޭނީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ޞޢވގެ ސުންނަތުން ސާބިތުވާ ގޮތަށް ކަމަށެވެ.

މިއާއެކު ޚުތުބާގައި ބުނީ މަލާއިކަތުންނަކީ ފިރިހެން ނުވަތަ އަންހެން ޖިންސަށް ނިސްބަތްވާ ބަޔެއް ނޫން ކަމަށެވެ.

ކާފިރުވީ މީހުންގެ ތެރޭގައި މަލާއިކަތުންނާ މެދު ނުބައި ޤަބޫލުކުރުންތަކެއް ފެތުރިފައި ވިއެވެ. އޭގެތެރޭގައި މަލާއިކަތުންނަކީ އަންހެން ޖިންސުގެ ބައެއް ކަމުގައި ޤަބޫލުކުރުން ހިމެނެއެވެ. އަދި އެއީ اللَّهގެ އަންހެންދަރީންކަމުގައި ވެސް ޔަހޫދީންނާއި މުޝްރިކުން ބުނެތެވެ. މާތް اللَّه ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ: ”ހަމަކަށަވަރުން، آخرةއަށް إيمانނުވާމީހުން ملائكةންނަށް، އަންހެނުންގެ ނަމުންނަން ދޭކަން ކަށަވަރެވެ.“

ހުކުރު ޚުތުބާ

 

މި އާޔަތުން، މަލާއިކަތުންނާ މެދު އެ ގޮތަށް ޤަބޫލުކުރާ މީހުންނަކީ އާޚިރަތްދުވަހަށް އީމާންނުވާ މީހުންކަން ދޭހަވާ ކަމަށް ޚުތުބާގައި ބުންޏެވެ.

“އެހެން އާޔަތެއްގެ މާނައިގައި ވެއެވެ. ”އަދި رحمنވަންތަ ރަސްކަލާނގެ އަޅުންކަމުގައިވާ ملائكةންނަކީ،އަންހެން ބަޔެއްކަމުގައި އެއުރެން ހެދީހެއްޔެވެ؟ އެ ملائكةން ހެއްދެވި އިރު، އެއުރެންحاضرވެ ތިބީހެއްޔެވެ؟ އެއުރެން އެ ހެކިވާހެކިވުން، ނިކަން ހުރެ، ލިޔުއްވާހުށްޓެވެ. އަދި (آخرةދުވަހުން) އެއުރެންނާ سؤال ކުރައްވާހުށްޓެވެ.“

ޚުތުބާގައި އިތުރަށް ބުނީ، މަލާއިކަތުންނަށް ކެއިންބުއިމާއި، ނިދުމާއި އަރާމުކުރުން ފަދަ ކަންކަމަށްބޭނުމެއް ނުވާނެ ކަމަށެވެ. އަދި އެބައިމީހުން اللَّهއަށް ނުއުރެދޭނެ ކަމަށާ اللَّه އެންގެވިކަމެއް މަލާއިކަތުން ކުރައްވާނެ ކަމަށެވެ.

މާތް اللَّه ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. ”އޭ إيمان ވެއްޖެމީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفسތަކާއި، ތިޔަބައިމީހުންގެ أهلވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكةން ވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمرއަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދިއެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ.“

ހުކުރު ޚުތުބާ

 

ޚުތުބާގައި ބުނިގޮތުގައި، މަލާއިކަތުންނަކީ ވަކި ޖިންސެއްގެ މަޚްލޫޤުން ކަމުގައި ނުވިޔަސް، اللَّه ގެ އިޛުނަފުޅަށް އިންސާނުންގެ ސިފައިގައި މަލާއިކަތުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން، ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ މައްޗަށް ޢަޛާބު ފޮނުއްވުމުގެ ކުރިން އެކަލޭގެފާނުގެ އަރިހަށް اللَّه تَعَالَى ފޮނުއްވެވި މަލާއިކަތުން ވަޑައިގަތީ ޒުވާން ފިރިހެނުންގެ ސިފައިގައި ކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ބައެއް މީހުންނަށް اللَّه ލަޢުނަތްލެއްވި އިބިލީހާ މެދު ކުށްހީއެއް ކުރެވެއެވެ. އެއީ އިބިލީހަކީ މަލާއިކަތެއް ކަމުގައި ހީކުރާ ހީކުރުމެވެ. ކީރިތި ޤުރްއާނުގެ ނައްޞުން ސާފުކޮށް އެނގޭ ގޮތުގައި، އިބިލީހަކީ ޖިންނިއެކެވެ.

ހުކުރު ޚުތުބާ

 

މާތް اللَّه ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައީ : ”ތިމަންރަސްކަލާނގެ ملائكةންނަށް وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން آدمގެފާނަށް سجدة ކުރާށެވެ! ދެން إبليس މެނުވީ، އެ އެންމެބޭކަލުން سجدة ކުރެއްވޫއެވެ. އެإبليسވީ ޖިންނީންގެ ތެރެއިންނެވެ. ދެން އޭނާގެ ވެރިރަސްކަލާނގެ އަމުރުފުޅަށް އޭނާ ނުކިޔަމަންތެރިވިއެވެ.“

މިއާއެކު ޚުތުބާގައި ބުނީ، އިބިލީހަކީ اللَّه އަށް ނުކިޔަމަންތެރިވުމުގެ ކުރީން މަލާއިކަތުންނާ އެކީ އުޅުމުގެ ފުރުސަތު ލިބިފައިވާ އަޅުވެރި މުއުމިނު ޖިންނިއެއް ކަމަށެވެ. އެހެންވެ އާދަމްގެފާނަށް ސަޖިދަކުރުމަށް މަލާއިކަތުންނަށް ކުރެވުނު އަމުރުފުޅުގައި އޭނާ ވެސް ހިމެނުނީ ކަމަށާ އެހެން ނަމަވެސް މަލާއިކަތުން އެ އަމުރުފުޅަށް ކިޔަމަންގަތް ހިނދު، އިބިލީސް ބޮޑާވެ ނުކިޔަމަންތެރިވީ ކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

އެ ކަމުގެ ނަތީޖާއެއްގެ ގޮތުން اللَّهގެ ރަޙްމަތުން އޭނާ ދުރުކުރެވުނެވެ. އަދި އަބަދަށް ޓަކައި އޭނާއަށް ލަޢުނަތް ލެއްވުނެވެ.

ހުކުރު ޚުތުބާ

 

ޚުތުބާގައި އިތުރަށް ބުނީ މަލާއިކަތުންނަށް އީމާންވުމުގެ ތެރޭގައި އެބޭކަލުން ހައްދަވައިފައިވަނީ ނޫރުންކަން ޤަބޫލުކުރުން ހިމެނޭ ކަމަށެވެ.

އަދި މަލާއިކަތުންނަކީ މާތް اللَّهއަށް ކިޔަމަންގަތުމަށް ހައްދަވައިފައިވާ ބައެއް ކަމަށާ، މަލާއިކަތުންގެ ޢަދަދު اللَّه ފިޔަވައި އެއްވެސް މަޚުލޫޤަކަށް ނޭނގޭނެ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

ޢަރުޝި އުފުއްލެވުމަށް މަލާއިކަތުން ވެއެވެ. ނަރަކަޔާއި ސުވަރުގެއަށް މަލާއިކަތުން ކަނޑައަޅުއްވައިފައި ވެއެވެ. ޖިބްރީލުގެފާނަކީ ވަޙީގެ މަލާއިކަތާއެވެ. އޭގެ އިތުރަށް ޤިޔާމަތް ދުވަހު ތާޅަފިލި ފުމެލެއްވުމާއި، މަޚްލޫޤުންގެ މަރުހިއްޕެވުމަށް މަލާއިކަތުން ވެއެވެ. اللَّه تَعَالَىއަށް ކިޔަމަންގަނެ އަޅުކަންކޮށް،ޤުރްއާން ކިޔަވައި، اللَّه ހަނދުމަކުރާ މީހުންނަށް ރަޙްމަތްލެއްވުމަށް އެދި ދުޢާކުރައްވާ މަލާއިކަތުން ވެއެވެ. މީސްތަކުންގެ ޢަމަލުތައް ލިޔުއްވާ މަލާއިކަތުން ވެއެވެ.

ޚުތުބާ

 

މާތް اللَّهވަޙީކުރައްވައިފައިވާ ބަސްފުޅުގެ މާނާގައިވެއެވެ. ”(ކުރާ عمل ތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި حاضرވެ ملائكةއަކު ނެތި، އެނާޔަކަށް އެއްވެސްބަހެއް ނުބުނެވެތެވެ.“

އެހެންކަމުން މުއުމިނުން ވާންޖެހޭނީ، ސިއްރާއި ފައުޅުގައި ކުރާ ޢަމަލުތައް ލިޔުއްވުމަށް ޓަކައި، ކޮންމެ މީހަކާއެކު اللَّه تَعَالَى މަލާއިކަތުން ލައްވައިފައިވާކަން ދަނެ، ޢަމަލުތައް ސީދާކޮށް اللَّه تَعَالَىއަށް ތަޤްވާވެރިވާ ބަޔަކަށް ކަމަށް ޚުތުބާގައި ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!