ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ލިބޭ ގޮތް ހެދުމަށް މަސްވަރާ ކޮށްފި
ދެންމެ | 23 އޯގަސްޓް 2024

ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ފުރިހަމައަށް ލިބޭނެގޮތް ހެދުމަށް ސަރުކާރުން ޕޭޕަލްގެ އިސްވެރިންނާ މަޝްވަރާކޮށްފިއެވެ.

އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކުރުމަށްހުރި ގޮންޖެހުންތަކަށް ހައްލު ގެނައުމަށް އެކުންފުނީގެ އިސްވެރިންނާއެކު މަޝްވަރާކުރައްވައިފިއެވެ.

ވަޒީރު ވިދާޅުވީ ޕޭޕަލްގެ ގްލޯބަލް މާރކެޓިންގެ ރައީސާއެކު ބޭއްވި އޮންލައިން ބައްދަލުވުމެއްގައި އެ ޕްލެޓްފޯމު މެދުވެރިކޮށް ޚިދުމަތް ހޯދުމުގައި ހުރި ދަތިތަތަކާއި ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެއްވިކަމަށެވެ.

ޕޭޕަލްއަކީ އޮންލައިންކޮށް ފައިސާ ފޮނުވާ ލިބިގަތުމަށް ފަހި ކޮށްދިނުމުގެ ގޮތުން ހަދާފައިވާ އެޕްލިކޭޝަނެއް ނުވަތަ އީ-ވޮލެޓެކެވެ. ދިވެހިރާއްޖޭގެ ވަރަށް ގިނަ ބަޔަކުވެސް މި އެޕްލިކޭޝަން ބޭނުންކުރެއެވެ. ނަމަވެސް ރާއްޖޭގައި ޕޭޕަލް މިވަގުތު ބޭނުންކުރެވެނީ ހަމައެކަނި ބޭރު މީހުން ފައިސާ ފޮނުވުމަށެވެ. ދިވެހިންނަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބިގަނެވޭނެ ގޮތެއް ނޯވެއެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ދިވެހިންނަށް އޮންލައިން ޕޭމަންޓު ސިސްޓަމްތައް ނުވަތަ އީ-ވޮލެޓުތައް މެދުވެރިކޮށް މާލީ މުޢާމަލާތްތައް ކުރެވޭނެ ގޮތް ފަހިކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެއްކަމަށެވެ. އެހެންކަމުން ތަފާތު އީ-ވޮލެޓުތައް ރާއްޖެއަށް ތަޢާރަފްކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޕޭޕަލްގެ އިތުރުން އެހެނިހެން ޤައުމުތަކުގެ އީ-ވޮލެޓުތައް ތަޢާރަފްކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރަން ވަރަށް އަވަހަށް ފެށޭނެކަމަށް ސައީދު މީގެކުރިންވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!