100 އަހަރުގެ ދަރަނި ނަގައި، އަނދަވަޅަކަށް ގައުމު ވައްޓާލީ އެމްޑީޕީން: މިނިސްޓަރ ސައީދު
ދެންމެ | 24 އޯގަސްޓް 2024

ސަތޭކަ އަހަރާ ނުބައްދަލު ދަރަނި ނަގައި، އަޑި ނޭނގޭ އަނދަވަޅަކަށް ގައުމު ވައްޓާލީ އިދިކޮޅު ޕާޓީ، އެމްޑީޕީން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު އެހެން ވިދާޅުވީ، މިދިޔަ އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވަމުންނެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި އައިޝަތު ނޫރައްދީން އެ ބޭންކުގެ ބޯޑު މެންބަރު ކަމުން މިއަދު ވަކިކުރެއްވުމާއި ގުޅިގެން ފައްޔާޒް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ދައުލަތުގެ މާލީ ނިޒާމުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމުގެ ގޮތުން ވެސް ބޭންކް އޮފް މޯލްޑިވްސްއަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލަންޖެހޭ ކަމަށެވެ.

އަދި ބީއެމްއެލްއަކީ އިގުތިސޯދުގެ މުހިންމު ބައެއް ކަމަށާއި އެ ބޭންކަށް މިނިވަންކަމާއެކު އޮޕަރޭޓު ކުރުމުގެ ފުރުސަތު އޮންނަންވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، އައިޝަތު ނޫރައްދީން ފަދަ ބޭފުޅަކު ބީއެމްއެލްގެ ބޯޑުން ވަކިކުރުމަކީ މޮޔަ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުގެ މެދުގައި ރާއްޖޭގެ މާލީ ނިޒާމާމެދު ނޭދެވޭ ވިސްނުމެއް އުފެދިގެން ދާނެ ކަމަށެވެ.

ފައްޔާޒްގެ އެ ޕޯސްޓާ ގުޅިގެން ސައީދު ވިދާޅުވީ، 100 އަހަރާއި ނުބައްދަލު ދަރަނި ނަގައި، އަޑި ނޭނގޭ ފުންމިނަށް ރާއްޖޭގެ އިގުތިސޯދު ވައްޓައިލި ފަސް އަހަރުގެ މިނިސްޓަރަކު އެފަދަ ވާހަކައެއް ދެއްކުން ލަދުވެތި ކަމަށެވެ.

”މުޅި ނިޒާމު އެ ފުށް މި ފުށަށް ޖަހައި، ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓާލީ އެމްޑީޕީން, ވަކި މީހަކަށްވުރެ ގައުމުގެ މަސްލަހަތު މާ މުހިންމު“ ސައީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!