ބީއެމްއެލްގެ ނިންމުމާއެކު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެ
ދެންމެ | 25 އޯގަސްޓް 2024
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން ބޭންކްގެ ބޯޑުން ނިންމި ނިންމުމާ އެއްގޮތަށް އެ ބޭންކްގެ ކާޑުތަކުން ކުރެވޭ ބޭރު ފައިސާގެ މުއާމަލާތްތަކުގެ ލިމިޓު ބޮޑުތަނުން ދަށްކުރުމާއެކު ކަޅު ބާޒާރުގައި ޑޮލަރުގެ ވިއްކާ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތް ކުރާ އެކި ރޭޓުތައް ކުއްލިއަކަށް އުފުލިފައިވާއިރު މިހާރު އަގުތައް ހުރީ 18.50 އާއި 18.85 ރުފިޔާއާ ދެމެދުގައެވެ.

މިހާ ބޮޑަށް އަގުތައް މައްޗަށް އެރީ ބޭންކުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމާއެކީގައެވެ. އެގޮތުން:

  • މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުގެ ތެރެއިން ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓަކަށްވާނަމަ ބޭރު ފައިސާގެ ގޮތުގައި ދެން އެއްވެސް އަދަދެއް ނުލިބޭނެ
  • މިއަދުން ފެށިގެން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކަށް ވެސް ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ ބޭރު ފައިސާގެ ގޮތުގައި އެއްވެސް އަދަދެއް ނުލިބޭނެ
  • މިހާރު ދޫކޮށްފައިވާ ސްޓެންޑާޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކަށް ވެސް މަހެއްގެ މައްޗަށް ލިބޭނީ 100 ޑޮލަރު
ބީއެމްއެލް ރުފިޔާ ކާޑުތަކަށް ދެން ޑޮލަރެއް ނުލިބޭނެއިތުރަށް ވިދާޅުވުމަށް

ބީއެމްއެލުން ބުނީ، އެ ބަދަލު ގެނައީ ކާޑުތަކުން ކުރާ ބޭރު ފައިސާގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ލިބޭ ބޭރު ފައިސާގެ އަދަދު އެއް ވަރެއްގައި ހިފެހެއްޓިފައި ހުރުމުން ކަމަށެވެ.

ބީއެމްއެލްއިން ޑޮލަރު ލިމިޓެއް ކަނޑައެޅީ ކޮވިޑްގެ ދުވަސްވަރު ދިމާވި އިގުތިސާދީ ދަތިތަކާ ގުޅިގެން ޑޮލަރު ލިބުމުގައި ދަތިތައް ދިމާވުމުންނެވެ.

އެ ލިމިޓު ކަނޑައެޅިތާ ހަތަރު އަހަރުވީއިރު ވެސް ޑޮލަރު ބޭނުން ކުރެވޭ އަަދަދު ބޮޑު ނުކުރާތީ ބޭންކަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޑޮލަރު ލިމިޓު އުވައިލާނެކަމުގެ ވައުދުފުޅާ އެކުގައެވެ.

އެގޮތުން، މިދިޔަ ފެބްރުއަރީ މަހުގެ އެކަކުން ފެށިގެން، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ނެގޭ މިންވަރު 750 ޑޮލަރުން 1200 ޑޮލަރަށް އިތުރުކުރާނެ ކަމަށް، ސަރުކާރުން ޖެނުއަރީ މަހު އިއުލާންކުރިއެވެ. ނަމަވެސް، އެ ބަދަލު ގެނެވިފައިނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!