ލައްކަޅުއޮށަކީ ރާއްޖޭގެ ރަށްރަށުގެ ފަޅުތަކުގައި އާންމުކޮށް އުޅޭ މަހެކެވެ. މި މަހަކީ 15-20 މީޓަރާ ދެމެދު އަދި އެއަށްވުރެން ތިލަ ހިސާބުތަކުގައި އުޅޭ 35 ސެންޓިމީޓަރަށް ބޮޑުވާ މަހެކެވެ. މި މަސް އާންމުކޮށް އުޅެނީ ދޮންފަސް ހުންނަ ފަޅުތަކާއި ވިލުތަކުގައެވެ. މަޑުމުށި ކުލައަކަށް ހުންނަ މި މަހުގެ މެދުން މަތީ ކޮތަރިބައި ނިމޭހިސާބުގައި އަރިމަތީގައި ކަޅުކުލައިގެ ވަށްކޮށްހުންނަ ލަތެއް ހުރެއެވެ. ބުރަކަށިމަތީ ދެކޮތަރިބައި ހުންނައިރު ފުރަތަމަ ބައިގައި 8 ހަރުކަށި އަދި ދެވަނަ ބައިގައި 1 ހަރުކައްޓާއެކު 6 މަޑުކަށި ހުރެއެވެ. ބަނޑުދަށްފަރާތުގެ ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 6 މަޑުކަށި ހުރެއެވެ. މަހުގެ ލޯކައިރީގައި ރީނދޫކުލައިގެ ރޮނގެއް ހުންނަ މޫނުމަތީގައި ރީނދޫ އަދި ނޫކުލައިގެ ރޮނގުތަކެއް ހުރެއެވެ.
ރޭގަނޑު އަލިކުރުމުން މިމަސް މަޑުފިޔާތޮށި ކުލައަކުން ފެންނާނެއެވެ. އާންމުކޮށް މި މަސް އުޅެނީ ވަކިވަކިންނެވެ. ނަމަވެސް މަދުމަދުން ކުދި އައިންތައް ހަދައިގެންވެސް މިމަސް އުޅެއެވެ. މި މަހުގެ ކާނާއަކީ އެކި ވައްތަރުގެ ފަނިތަކާއި ޑިނގާ، ބޮލި އަދި ކުދިމަސް ފަދަ ތަކެއްޗެވެ. ފަސްގަނޑުގެ ތެރެއަށް ތުންބާނައިގެން ކައިއުޅޭ މި މަހަކީ ކުރީޒަމާނުގައި ދިވެހިން އާންމުކޮށް ދާޖަހައިގެން ހިފާއުޅުނު މަހެކެވެ. ގަރުދިޔަ ކައްކައިގެން ކެއުމަށް ބޭނުންކުރާ މި މަހަކީ ވަރަށް ރަހަމީރު މަހެކެވެ. އަދި މި މަހަކީ މޫދުލޮނު ޓޭންކުތަކުގައި ގެންގުޅެން ވަރަށް ރީތި މަހެކެވެ.
މައުލޫމާތު: ސީއަންސީން