ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އިސްތިއުފާ ދެއްވުމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް މިރޭ ގޮވާލައްވައިފިއެވެ.
ޕީއެންސީން މިރޭ ބާއްވާ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވަނީ ބީއެމްއެލްގެ ރުފިޔާ އެކައުންޓު ބޭނުންކުރާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމީ އެމްޑީޕީން އިސްވެ ތިބެގެން ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެއީ ބަޣާވާތެއް ކަމަށް ވިދާޅުވެ، ބީއެމްއެލްގެ ބޯޑުގައި ވެސް ތިއްބެވީ އެ ބަޣާވާތުގެ ބައިވެރިން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
”މިއަދު ބޭންކް އޮފް މޯލްޑިވްސް މި ޑިޒިޝަން ނެގުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންނަކީ ސީދާ މި މާލީ ބަޣާވާތް ގެންނަން މަސައްކަތް ކުރެއްވި ބޭފުޅުންނާ އެކީގައި އެންމެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުން. މިއަދު އެ ބޭފުޅުން ބޯޑުތަކުގައި ތިއްބަވާނެ ކަމެއް ނެތް“ ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާ ބޮޑު ދެރައެއް ރައްޔިތުންނަށް ދޭން މަސައްކަތްކުރި ފަރާތަކަށް ބީއެމްއެލްގެ އެންމެ މަތީ މަގާމުގައި ހުރެވެންޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ބޭންކުން އެ ނިންމުން ނިންމީ އިކޮނޮމިކް ކައުންސިލާއި ބީއެމްއެލާއި އެކުގައި މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް ފަހުކަމް ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ އެ ކައުންސިލުން ވެސް ބުނެފައި އޮތީ ޑޮލަރުގެ ޚިދުމަތް ކަނޑައި ނުލާން ކަމަށެވެ. އަދި ބޭންކަށް އިތުރު ގޮތްތަކެއް ހޯދޭނެ ކަމަށެވެ.
ބޭންކުން އިއްޔެ ނިންމި ނިންމުން އަނބުރާ ގެންނަން ނިންމުމާ އެކު ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ, ބީއެމްއެލްއިން އަމަލު ކުރީ ސީދާ ރައީސް އެ ކަމުގައި އެގޮތަށް އަމަލުނުކުރަން އަންގަވާފައި އޮއްވައި ކަމަށެވެ.
އެކަމުގެ ތަފުސީލު ދެއްވައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ޑޮލަރު މައްސަލައާ ގުޅޭ ގޮތުން މީގެ ކުރިން ސަރުކާރާއި ބޭންކާ ދެމެދު މަޝްވަރާތައް ކުރި ކަމަށެވެ. އެހެންނަމަވެސް، ބޭންކުން އަމަލު ކުރީ ސަރުކާރާ މަޝްވަރާކޮށްފައި އޮތް ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.