މުހުތާޒު ޕީޖީކަމުން ވަކިކުރީ އަދީބުގެ މައްޗަށް ދައުވާކުރަން ދެކޮޅު ހެދުމުން: ޔާމީން
ދެންމެ | 27 އޯގަސްޓް 2024

ކުރީގެ ޕްރޮސެކިޔުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި މުހުތާޒް މުހުސިން މަގާމުން ވަކި ކުރީ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ދެކަނބަލުން ދަތުރުކުރެއްވި ރަސްމީ ލޯންޗުކޮޅު (ފިނިފެންމާ) ގޮއްވާލި މައްސަލައިގައި ދައުވާކުރަން ކޯޓަށް ފޮނުވަން ދެކޮޅުހެދުމުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ފްރޮންޓް އޮފީހުގައި ހޯމަ ދުވަހުގެ ރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ލޯންޗު ގޮއްވާލައިގެން ރިޔާސީ ކޮމިޝަނުން ތަހުޤީޤުން އެކަން ސާބިތުވާ ވަރަށް ރިޕޯޓެއް ތައްޔާރު ކުރި ކަމަށާއި، އެހިސާބުން ޕޮލިހުން ނިންމީ ޕީޖީ އަށް ފޮނުވަން ކަމަށާއި، އެކަމަކު މުހުތާޒް އެކަމާ ދެކޮޅު ހެއްދެވި ކަމަށެވެ.

އޭގެ ސަބަބުތައް އެނގިވަޑައިގަންނަވާނީ މުހުތާޒު އަށް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

“މުހުތާޒް މުހުސިން ޕީޖީގެ މަޤާމުން ވަކި ކުރީ އަދީބް ލޯންޗު ގޮއްވާލި މައްސަލަ ކޯޓަށް ފޮނުވަން ދެކޮޅު ހެދުމުން” ޔާމީން ވިދާޅުވިއެވެ

މުހުތާޒް މުހުސިން ޕީޖީއަކަށް ހުރެގެން ނިންމީ އެމައްސަލަ ތަހުޤީޤަށް ނުފޮނުވުމަށް ނަމަވެސް ދައުލަތުން އެ މައްސަލައިގައި ދުށީ އެއީ ޤައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ މައްސަލައެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މަރާލަން ނުވަތަ ދުނިޔޭން ނެތިކޮށްލަން ދިން ހަމަލާއެއް ކަމަށާއި، އެވަރު މައްސަލައެއް ކޯޓަށް ފޮނުވަން ދެކޮޅުހެއްދެވީ ކަމަށެވެ.

މިއީ މުހުތާޒް މުހުސިން ޕީޖީ ކަމުގެ މަޤާމުން ވަކި ކުރަން ޖެހުނު ސަބަބު ކަމަށާއި އެއީ އޭނާ އާ އެއްވެސް ޒާތީ ކަމެއް އޮވެގެން ކުރި ކަމެއް ނޫންކަމަށް ވެސް ރައީސް ޔާމިން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!