ފިނިފެންމާ ގޮއްވާލި ކަމަށް ޔާމީން ތުހުމަތުކުރި ބޭފުޅާ ރޭ ހުރީ ޔާމީން ކުރިމަތީގައި، އަދީބަށް ދައުވާ ނުކުރީ ހެކި ނެތުމުން: މުހްތާޒް
ދެންމެ | 27 އޯގަސްޓް 2024

ޔާމީނު އެންގިޔަސް ފިނިފެންމާ ގޮއްވާލި މައްސަލަގައި އަދީބަށް ދައުވާ ނުކުރީ ހެކި ނެތުމުން ކަމަށް ކުރީ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިނު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ފްރޮންޓް ޖަލްސާގައި ވަނީ މުހްތާޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.

ޔާމީނަށް ރައްދު ދެއްވައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒު ވިދާޅުވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 15 ވަނަ މާއްދާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަރަށް ސާފު ބަހުން ބުނެފައިވާ ކަމަށެވެ. އަދި  ދަޢުވާ ކުރުމާއި ނުކުރުން ބިނާވެފައި އޮންނަނީ ހެކީގެ މައްޗައް ކަމަށެވެ.

“އެއީ ރައީސަކަށް ހުންނަވާ ބޭފުޅަކު އަންގަވާ އަދި ބޭނުންވީމާ ކުރެވޭ ގޮތެއްގެ މަތިން އޮންނަކަމެއް ނޫން. ރައީސް ޔާމީނު ބޭނުންފުޅު ވިއަސް ކުރީގެ ނައިބު ރައީސް އަދީބުގެ މައްޗަށް ހެކިނެތި ދައުވާ ނުކުރެވޭނޭކަމަށް ދެންނެވިން.“

މުހްތާޒް ވިދާޅުވީ ލޯންޗް ގޮއްވާލި މައްސަލައިގައި ޔާމީން އަމިއްލަފުޅަށް ތުހުމަތު ކުރެއްވި އެއްބޭފުޅާ ރޭ އެހުންނެވީ ޔާމީންގެ ކުރިމަތިފުޅުގައި ވިދާޅުވާން ކަމަށެވެ.

“ ދެއަރިމައްޗަށް އެބުރި ބެއްލެވިއަސް އަރިހުގައި ތިއްބެވީ މަނިއްޕުޅަށް ވަގަށް ގޮވާ ހުރަގޭގައި ބަންދުކުރުމަށް ފާޅުގައި ގޮވަމުންދިޔަ ބޭފުޅުން. ނިޒާމު ނެގެހެއްޓުމުގެ ވާހަކަ ދައްކަވަން ރައީސް ޔާމީނު ލަދުވެތިވާންޖެހޭ.“ ކުރިމިނަލް ކޯޓްގެ ގާޒީކަން ކުރައްވާފައިވާ މުހްތާޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ކުރިމިނަލް ޖަސްޓިސް އެޑްވައިޒަރުކަން ވެސް ކުރައްވާފައިވާ މުހްތާޒް ވިދާޅުވީ މިހާރުގެ ރައީސް ޑރ. މުޢިއްޒަކީ ރައީސް ޔާމީން ފަދައިން  މުޑުދާރުމަގުން ހިންގަވާނޭ ބޭފުޅެއްނޫން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!