ރާއްޖޭގައި މުޅިން އަލަށް ސްމާޓް މީޓަރު ހަރުކުރުން އިފުތިތާހުކޮށްފި
ދެންމެ | 28 އޯގަސްޓް 2024
ރާއްޖޭގައި މުޅިން އަލަށް ޑިޖިޓަލް ސްމާޓް މީޓަރު ހަރުކުރުން އިފުތިތާހުކޮށްފި އެވެ.

ކުޑަހުވަދޫގައި ޑިޖިޓަލް ސްމާޓް މީޓަރު ހަރުކޮށް ބޭނުންކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.

މިއީ ރާއްޖޭގެ ރަށެއްގެ ހުރިހާ ގެތަކެއްގައި ސްމާޓް މީޓަރު ހަރުކޮށް، ކަރަންޓު ދޫކުރަން ފެށި ފުރަތަމަ ރަށެވެ. ކުޑަހުވަދޫގައި ސްމާޓް މީޓަރު ހަރުކޮށް، ނިންމައި މި ރަށުގެ ރައްޔިތުންނަށް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ މީޓަރު ބޭނުންކުރުމަށް ހާއްސަ އެޕެއް ވެސް ތައާރަފް ކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ، ގޭބިސީތަކުގައި ޑިޖިޓަލް ސްމާޓް މީޓަރު ހަރުކުރުމަށް ކުރިއަށްގެންދެވުނު މަޝްރޫއަކީ ރާއްޖޭގެ ހަކަތައިގެ ސިނާއަތަށް ގެނެވުނު އިންގިލާބީ ކުރިއެރުމެއްކަމަށެވެ. އަދި ވިދާޅުވީ މިއީ ކަރަންޓު ހެޔޮގޮތުގައި ބޭނުންކުރުމަށް ލިބޭ ބާރެއްކަމަށާއި މިމަޝްރޫއު އެއްކޮށް ނިމޭއިރު ކަރަންޓުގެ އަގުހެޔޮވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފެނަކައިން ޗައިނާގެ ޑޮންގް ފަންކް ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓް އާއި ގުޅޭ ގޮތުން ފެނަކައިގެ ޗީފް ޓެކްނިކަލް އޮފިސަރު އަބްދުﷲ ނާޝިތު ވިދާޅުވީ ފެނަކަ އިން މި ޕްރޮޖެކްޓް ކުރިއަށް ގެންދުއުމަށް ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. ސްމާޓް މީޓަރާ އެކު، ކޮންމެ ދުވަހަކު ވެސް ކަރަންޓް ހޭދަކުރާ އަދަދު ބަލައިލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފެނަކަ އިން ހިދުމަތްދޭ ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!