ދެމެފިރިން ކައިވެނި ކުރުމަށްފަހު ދެ އެނދުގައި ނިދުމަކީ އެކަމުގެ ސަބަބުން ބައެއް މީހުން ހައިރާންކުރުވަފާނެ ކަމެކެވެ. އަދި މިކަމަކީ އެދެމެފިރިންގެ ދެމެދުގައި މައްސަލައެއް އޮތުމުން ދިމާވާ ކަމެއް ކަމަށްވެސް ބައެއް މީހުންނަށް ހީވެދާނެއެވެ. ނަމަވެސް މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް އާންމު އަދި ވަރަށް ގިނަ ބަޔަކު ކުރަމުން އަންނަ ކަމެކެވެ.
ދެމެފިރިން ދެ އެނދުގައި ނިދުމަށް މެދުވެރިވާ ވަރަށް ގިނަ ސަބަބުތަކެއް ހުރެއެވެ. ނަމަވެސް މިގޮތަށް ދެމެފިރިން ނިދާ މައިގަނޑު ސަބަބަކީ ރޭގަނޑުގެ ހަމަ ނިދިން މަހުރޫމު ނުވެ، ރޭގަނޑުގެ އަރާމު ނިދި ހޯދުމެވެ. މީހާގެ ހަށިގަނޑު އެންމެ ރަނގަޅުގޮތުގައި މަސައްކަތް ކޮށް، ނަފްސާނީ ގޮތުން މީހާ ދުޅަހެޔޮ ވުމަށްޓަކައި ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ލިބުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކައިވެންޏަށްފަހު ދިރިއުޅުމަށް އަންނަ އެންމެ ބޮޑު އެއް ބަދަލަކީ ދެމެފިރިންގެވެސް ”ޕަރސްނަލް ސްޕޭސް“ އެކަކު އަނެކަކާ ހިއްސާ ކުރަން ޖެހުމެވެ. އަދި ހަމަ އެހެންމެ ނިދާ އެނދު ބައިވެރިޔާއާ ހިއްސާކުރަން ޖެހުމެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ދެމެފިރިން އެކުގައި، އެއް އެނދެއްގައި ނިދާނަމަ ދެމީހުންވެސް ރޭގަނޑުގެ ނިދިން މަހުރޫމުވާ ފަހަރު އާދެއެވެ. މިހެން މިކަން ދިމާވާ ވަރަށް ގިނަ ސަބަބުތަކެއް ހުރެއެވެ.
ބައިވެރިޔާއަކީ ނިދީގައި ވަރަށް ބާރަށް ގުގުރި ދަމާ މީހަކަށްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނުވަތަ ބައިވެރިޔާއަކީ ނިދީގައި ވަރަށް ހެލިފެލިވެ އުޅޭ މީހާކަށްވެސް ވެދާނެއެވެ. އަދި ހަމަ އެހެންމެ ބައިވެރިޔާއަކީ ”ސްލީޕިން ޑިސްއޯޑާ“ އެއް ހުންނަ މީހަކަށްވެސް ވެދާނެއެވެ. އަދި ތިމާއަކީ ލަވަ ޖަހައިގެން އަޑު ގަދަ ތަންތަނުގައި ނިދުމަށް ބޭނުންވާ މީހަކަށްވީއިރު ތިބާގެ ބައިވެރިޔާއަކީ ވަރަށް ހަމަހިމޭން ތަނެއްގައި ނިދުމަށް ބޭނުންވާ މީހަކަށްވެސް ވެދާނެއެވެ.
މިފަދަ ތަފާތު އެކި މައްސަލަތަކާހުރެ ކައިވެނި ކުރުމަށްފަހު މީހާ ރޭނގަނޑުގެ އަރާމު ނިދިން މިންޖުވާ ފަހަރުތައް އާދެއެވެ. އެހެންކަމުން ނިދާނެ އިތުރު އެނދެއް ހުރި ނަމަ ބައިވެރިޔާއާއި ވާހަަކަ ދައްކައި ދެމީހުން މަޝްވަރާ ކުރުމަށްފަހު ދެމީހުންގެ ގުޅުމަށް ހީނަރުކަމެއް ނާއްނާނެ ފަދަ ގޮތަކަށް މިކަން ކުރެވިދާނެއެވެ. ނިދާ ގަޑީގައި ދެމީހުން ދެ އެނދުގައި އޮތަސް އެއީ އެކަމުގެ ސަބަބުން ދެމީހުންގެ ގުޅުން ހީނަރު ވަނީ އެއް ނޫނެވެ. ފަހަރުގައި އެއީ ދެމީހުންގެ ގުޅުން އިތުރަށް ހަރުދަނާ ކޮށްދޭ ކަމަކަށްވެސް ވެދާނެއެވެ.
މަސްދަރު: ބްރައިޑްސް.ކޮމް