ރޭ ރަހީނުކުރި އަންހެން މީހާއަކީ ފުލުހެއް ކަން ހާމަވެއްޖެ
ދެންމެ | 30 އޯގަސްޓް 2024

ރޭ މާލޭގައި ރަހީނުކޮށްގެން އުޅެނިކޮށް ސަލާމަތްކުރި އަންހެން މީހާއަކީ ފުލުހެއްކަން އެނގިއްޖެއެވެ.

”ދެންމެ“އަށް މިއަދު ފުލުހުން ވަނީ އެކަން ޔަގީންކޮށްދީފައެވެ. ނަމަވެސް އެއީ ކޮން ޑިޕާޓްމެންޓެއްގެ ކޮން ރޭންކެއްގެ ފުލުހެއް ކަމެއް ހާމަކޮށްފައިނުވެއެވެ.

ރަހީނުކޮށްގެން ގެންގުޅުނު އަންހެން މީހާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ހިނގި ކަންކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ފުލުހުން އެ ތަނަށް ދިޔުމުން އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައި ސަލާމަތް ކުރަން އުޅެފިނަމަ މާރާލާނެ ކަމަށް ބުނެ ފިރިހެން މީހާ އިންޒާރުދީ ހަދާފައިވާ ކަމަށެވެ.

ގޭތެރޭގައި ވެސް އަންހެން މީހާއަށް އެކި ވަރުގެ އަނިޔާ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަންހެން މީހާއަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގަ އެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.

އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން އޭނާ މަގުމައްޗަށް ނެރެ ސައިކަލަށް އަރުވައިގެން ފިލަން މަސައްކަތް ކުރީ އަހުމަދު އަތުހަރުއެވެ. އޭނާއަކީ ށ. މިލަންދޫ މީހެކެވެ. މުގުރު ބުރިން އެ މީހާއަށް ހަމަލާދީ އަންހެން މީހާ ސަލާމަތްކޮށްފައިވަނީ އެ ސީންގައި ހަރަކާތްތެރިވި ހައި ވިސިބްލިޓީ ޔުނިޓްގެ ފުލުހެކެވެ.

އޭނާއަކީ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް، ރައީސަށް އަށް ލިބިދޭ ބާރުގެ ދަށުން 2022ވަނަ އަހަރު މާފުދީފައިވާ މީހެކެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިމައްސަލަ ހޫނުވީ އެ ދެ މީހުން ދިރިއުޅޭ ގޭގެ ކުލި ނުދެއްކިގެން ފެށުނު ޒުވާބެއްގެ ތެރެއިންނެވެ. އެ ދެމީހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ މީހުން ކަަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓްކުރިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!