ދިވެހި ފުލުހުންނަށް ދިވެހިންގެ ހިތްތައް ފަހުރުން ބަންޑުން ކޮށްލައިފި
ދެންމެ | 30 އޯގަސްޓް 2024

ފުލުހުން ރޭ ކުރިމަތިލާން ޖެހުނީ މީގެ ކުރިން ދިމާނުވާ ފަދަ ކަމަކާ ކަމަކަށް ވިޔަސް ވަރަށް ކާމިޔާބު ކަމާއި ޕްރޮފެޝަނަލް ކަމާއެކު ފުލުހުން މަސައްކަތް ކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

ސީޕީ އެހެން ވިދާޅުވީ، ރޭގެ ހާދިސާގެ ކޮމާންޑަރުންނާއި ހަރަކާތްތެރިވި ޓީމުތަކުގެ ލީޑަރުން އަދި އެ ހާދިސާގައި ހަރަކާތްތެރިވި ހުރިހާ ފުލުހުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގަ އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ބައްދަލުވުމުގައި ސީޕީ ވިދާޅުވީ، އެއީ އަލަށް ދިމާވި ނުރައްކާތެރި ހާދިސާއެއް ކަމަށް ވިޔަސް ވަރަށް ކާމިޔާބު ކަމާއި ޕްރޮފެޝަނަލް ކަމާއެކު ”ތުރެޓް ނިއުޓްރަލައިޒް“ ކޮށްފައިވާ ކަމަށެވެ. އެއީ ކާމިޔާބު މަސައްކަތެއް ކަމާއި އެކަމަށްޓަކައި ހަރަކާތްތެރިވި ފުލުހުންނަށް ސީޕީ ޝުޖާއު ޝުކުރު އަދާކުރެއްވި އެވެ.

ސީޕީ ވިދާޅުވި ގޮތުގައި، ރޭގެ އޮޕަރޭޝަންގައި ކޮމިއުނިކޭޝަންގެ ކަންކަން ކުރިއަށް ގެންދިޔައީ ވަރަށް ރަނގަޅަށެވެ. އެހެންވެ، އެއީ ކޯޑިނޭޝަން ރަނގަޅު އޮޕަރޭޝަނެއް ކަމަށް ސީޕީ ވިދާޅުވި އެވެ. ހާލަތާއި ނުކުމެދާނެ ނަތީޖާ އަށް ބަލާއިރު ”ނިއުޓްރަލައިޒް“ ކުރުމުގައި ނިންމި ނިންމުން ރަނގަޅުކަން ވެސް ކޮމިޝަނަރު ފާހަގަ ކުރެއްވި އެވެ. ވިކްޓިމް އަށް އަދި ތުހުމަތު ކުރެވޭ މީހާ އަށް ވެސް ބޮޑު އަނިޔާއެއް ނުވެ ”ނިއުޓްރަލައިޒް“ ކުރެވުނު ކަން ވެސް ސީޕީ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ މި ހާދިސާގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތާ މެދު ފަހުރުވެރިވާ ކަމަށާއި މިއީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން ކުރަންޖެހޭ މަސައްކަތެއް ކުރުމުގައި ފުލުހުން ޖެހިލުން ނުވާނެ ކަމުގެ މިސާލެއް ކަމަށެވެ.

އަދި ރައްޔިތުންގެ ތައުރީފް ފުލުހުން ރޭ ހިންގި އޮޕަރޭޝަނަށް ލިބެމުން އަންނަ ކަމަށާއި އިތުރަށް ރަނގަޅު ކުރުމަށް ހިޔާލުތައް ވެސް ލިބޭ ކަމަށާއި އެ ކަންކަން ބަލައިގަންނަ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ. މިފަދަ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން އިތުރު ތަމްރީންތައް ހަދަމުން ގެންދިއުމުގެ މުހިއްމުކަން ބޮޑު ކަމަށާއި ހުރިހާ ފުލުހުން ވެސް އެންމެ އިސްކަމެއް ދޭ ކަމަކީ ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށް ހެދުމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

މާލޭގައި އަންހެނަކު ރަހީނުކުރި މައްސަލާގައި ރޭ ހައްޔަރުކުރީ ށ. މިލަންދޫ، ހެޕީލޭންޑް، އަހުމަދު އަތުހަރު އެވެ. އެއީ މީގެ ކުރިން ކުށެއް ސާބިތުވެ ޖަލު ހުކުމެއްގައި ހުރި މީހެކެވެ.

ނަމަވެސް، މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަހްތަރުގެ ހުކުމް ލުއިކޮށް، އޭނާ ދޫކޮށްލާފައިވަނީ ސެޕްޓެމްބަރު 2022 ގަ އެވެ.

އަތްހަރަށް ރޭގެ ހަމަނުޖެހުމުގައި ލިބުނު އަނިޔާއަށް ފަރުވާދިނުމަށް ފަހު އޭޑީކޭ ހޮސްޕިޓަލުން ދޫކޮށްލުމުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ރޭ ހިނގި ރަހީނުކުރުމުގެ ހާދިސާގައި އަނިޔާ ލިބުނު މީހާގެ ހާލު ވެސް ސީޕީ ޝުޖާއު މިއަދު ބެއްލެވި އެވެ. އޭނާއަށް ލިބުނު އަނިޔާއަށް އައިޖީއެމްއެޗްގައި ފަރުވާ ހޯދިއިރު ހާލު ރަނގަޅެވެ. އެ އަންހެން މީހާއަކީ ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ މީހެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!