ޗޫސް ލާފައި ލޮދިކޮށް، އޯޓު ބުއިމުން ހިތަށް ލިބޭ އުފާ!
ދެންމެ | 31 އޯގަސްޓް 2024
އޯޓްސް އަކީ ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކެއް އެކުލެވިގެންވާ ކާނާގެ ބާވަތަކަށްވީއިރު، މިއީ ވަރަށް ގިނަ މީހުންނަށް ކަމުދާ އެއްޗެކެވެ. މިއީ ތަފާތު އެކި ގޮތްގޮތަށް ތައްޔާރުކުރެވޭ ކާނާގެ ބާވަތެކެވެ.

އެގޮތުން ބައެއް މީހުން އޯޓްސް ބޭނުންކޮށް ފޮނި އެއްޗިހިވެސް އަދި ކުޅި އެއްޗިހިވެސް ތައްޔާރުކުރެއެވެ. ހެނދުނުގެ ސަޔަށާ، މެންދުރުގެ ކެއުމުގެ އިތުރުން ރޭގަނޑުގެ ކެއުމަށް އިންސާފުކޮށްލުމަށްވެސް އޯޓްސް އިން ތައްޔާރުކޮށްލެވޭ ކެއުމުގެ ބާވަތްތައް މަދެއް ނޫނެވެ. އޯޓްސް އިން ތައްޔާރު ކުރެވޭ ބައެއް ތަކެތީ ތެރޭގައި، އޯޓްސް ބޯކިބާއާއި، އޯވާނައިޓު އޯޓްސް ޕުޑިން އާއި ބޭކްޑް އޯޓްސް ފަދަ އެއްޗިސް ހިމެނެއެވެ.

ތިރީގައި މި ހިމަނާލަނީ ހެނދުނުގެ ސަޔަށް އޯޓްސް ބޭނުން ކުރާނަމަ ހަށިގަނޑަށް ލިބޭ ބައެއް ފައިދާތަކެވެ.

ހަކުރު ބަލި މެނޭޖު ކޮށްދިނުން

އޯޓްސް އަކީ ފެނަށް ވިރިގެންދާފަދަ ފައިބަރު އެކުލެވިގެންވާ އެއްޗެއް ކަމުން މި ބޭނުން ކުރުމުން މީހާގެ ލޭގެ ތެރެއަށް ހަކުރު އެތެރެވާ މިންވަރު މަދުކޮށްދެއެވެ. އަދި އޭގެ ސަބަބުން މީހާގެ ލޭގައި ހަކުރު ހުންނަ މިންވަރު އެއް ހަމައެއްގައި ހިފަހައްޓައިދީ، ހަކުރު ބަލިން މީހާ ރައްކާތެރި ކޮށްދޭން އެހީވެއެވެ.

ހިތުގެ ބަލިތަކުން ރައްކާތެރި ކޮށްދިނުން

އޯޓްސް އަކީ ބީޓާ ގްލޫކަން ނަމަކަށް ކިޔާ މާއްދާއެއް އެކުލެވިގެންވާ އެއްޗެކެވެ. ބީޓާ ގުލޫކަން އަކީ ހަށިގަނޑުގައި ހުންނަ ނުރަނގަޅު ކޮލެސްޓުރޯލް ނުވަތަ އެލްޑީއެލް ލެވެލްތައް ދައްކޮށްދޭ މާއްދާއެއް ކަމުން އޯޓްސް ކެއުމުން އެލްޑީއެލް ލެވެލް ދައްވެ މީހާ ހިތުގެ ބަލިތަކުން ރައްކާތެރި ކޮށްދެއެވެ.

ބަރުދަން ލުއިކުރުމަށް އެހީވުން

އޯޓްސް އަކީ ބަރުދަން ލުއިކުރަން މަސައްކަތް ކުރާ މީހުންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. މިއީ ގިނަ އަދަދަކަށް ފައިބާ އެކުލެވިގެންވާ އެއްޗެއްކަމުން މި ކެއުމުން ގިނައިރު ބަނޑު ފުރިފައި ހުންނަ ކަމުގެ އިހުސާސް ކޮށްދެއެވެ. އަދި އޭގެ ސަބަބުން ކެއުން މަދުވެ ހަށިގަނޑަށް އެތެރެކުރެވޭ ކެލޮރީތައްވެސް މަދުވެއެވެ. ނަތީޖާއެއްގެ ގޮތުން މީހާގެ ބަރުދަން ލުއިވެއެވެ.

ހަޖަމުގެ ނިޒާމު ވަރުގަދަ ކޮށްދިނުން

އޯޓްސް އަކީ ޕްރީބައޮޓިކު ޕްރޮޕަޓީތައް އެކުލެވިގެންވާ އެއްޗެއްކަމުން މި ބޭނުން ކުރުމުން މީހާގެ ބަނޑުގައި ހަށިގަނޑަށް ފައިދާހުރި ބެކްޓީރިއާ އުފެދުމަށް އެހީތެރިވެދެއެވެ. އަދި އޭގެ ސަބަބުން ހަޖަމުގެ ނިޒާމުގެ މަސައްކަތް ރަނގަޅުވެ، ކާއެއްޗެހި ފަސޭހަކަމާއެކު ހަޖަމުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!