ދިގު ދުރުމިނުގެ ލޯބީގެ ގުޅުން އޮބަހައްޓާނީ ކިހިނެއް ތަ!
ދެންމެ | 01 ސެޕްޓެމްބަރ 2024

ވަޒީފާގެ ގޮތުން ނުވަތަ އެނޫންވެސް އެހެން ސަބަބަކާހުރެ ކައިވެންޏަށް ފަހުގައިވެސް ދުރުގައި ދިރިއުޅޭ މީހުން މި ރާއްޖޭގައިވެސް މަދެއް ނޫނެވެ. ރާއްޖޭގެ ނިސްބަތުން ބަލާއިރު ގިނަ މީހުންނަކީ ރިސޯޓުގައި ވަޒީފާ އަދާކުރަމުންދާ މީހުންނެވެ. މިކަމުގެ ސަބަބުން ކައިވެންޏަށްފަހު ބައިވެރިޔާއާއި ދުރުގައި ދުވަސްތައް ހޭދަކުރުން މިވަނީ މަޖުބޫރު ކަމަކަށް ވެފައެވެ.

ކައިވެންޏަށްފަހު ދެމަފިރިން ދުރުގައި އުޅޭނަމަ ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވާ ކަމަށް ވަރަށް ގިނަ ދިރާސާތަކުން ދައްކައެވެ. މިހެން މިކަންވަނީ ވަރަށް ގިނަ ސަބަބުތަކާ ހުރެއެވެ. ތިރީގައި މި ހިމަނާލަނީ ދެމަފިރިން ދުރުގައި އުޅުނުނަމަވެސް ދެމީހުންގެ ގުޅުން އިތުރަށް ބަދަހިވުމަށް މެދުވެރިވާ ސަބަބުތަކެވެ.

 

އަމިއްލަ ބޭނުންތަކަށް ސަމާލުކަން ދެވޭވަރު ބޮޑުވުން

ދެމަފިރިން ދުރުގައި އުޅޭނަމަ ދެމީހުންވެސް ދެމީހުންގެ އަމިއްލަ ބޭނުންތަކަށް ސަމާލުކަން ދޭވަރު ބޮޑުވެއެވެ. މިސާލަކަށް ބަލާނަމަ ގޭތެރެ އެމީހަކު ބޭނުން ގޮތަކަށް ރީތިކޮށް، އެމީހަކު ބޭނުން ގަޑިއެއްގައި ކައިގެން އުޅެވޭނެއެވެ. އަދި ހަމަ އެހެންމެ އަނެކާއަށް ބަރޯސާ ނުވެ އެމީހަކަށް އެމީހެއްގެ އަމިއްލަ ބޭނުންތައް ފުއްދައިގެން އުޅެވޭނެއެވެ. މިކަމުގެ ސަބަބުން ދެމީހުންގެ މެދުގައި ދެބަސްވުން މަދުވެ، ދެމީހުންގެ ގުޅުން އިތުރަށް ބަދަހިވެއެވެ.

 

ޒުވާބު ކުރާވަރު މަދުވޭ

ދެމަފިރިން އެކުގައި އުޅޭނަމަ ކުދިކުދި ކަންކަމާ ހިތްހަމަނުޖެހި، ޒުވާބު ކުރެވޭވަރު އިތުރުވެއެވެ. މިސާލަކަށް ބަލާނަމަ ގޭތެރޭގައި ދިމާވާ ކަންކަމުގައި ކުދި މައްސަލަތައް ޖެހުމާއި، ދެމީހުންގެ މިޒާޖު ތަފާތު ވުމުން ޖެހޭ ކުދި މައްސަލަތައް ހިމެނެއެވެ. ދެމަފިރިން ދުރުގައި އުޅޭނަމަ މިފަދަ ކޫސަނި މައްސަލަތައް ޖެހުން މަދުވެއެވެ. އަދި އޭގެ ސަބަބުން ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެއެވެ.

 

ބޮޑަށް ހަނދާންވެ، އެކަކު އަނެކަކަށް އިންތިޒާރު ކުރެވޭ

ދެމަފިރިން ދުރުގައި އުޅޭނަމަ އެކަކު އަނެކެއްގެ މަތިން ބޮޑަށް ހަނދާންވެ، އެކަކު އަނެކަކަށް އިންތިޒާރު ކުރެވޭ ވަރު ބޮޑުވެއެވެ. އަދި ދެމީހުގެ ދެމެދުގައި އޮންނަ ލޯބީގެ ”ސްޕާކު“ އިތުރަށް ވަރުގަދަ ވެއެވެ. އަދި ހަމަ އެހެންމެ ބައިވެރިޔާ ކައިރީގައި ހުންނަ ވަގުތުތަކަކީ ވަރަށް އަގުހުރި ވަގުތުތަކެއް ކަމުގައި ގަބޫލު ކުރެވި، ދެމީހުންވެސް އެވަގުތުތަކުގެ އަގުވަޒަން ކުރެއެވެ. އަދި އޭގެ ސަބަބުން ދެމީހުންގެ ދެމެދުގައިވާ ލޯބި އިތުރަށް ހަރުދަނާވެ، ދެމީހުންގެ ގުޅުންވެސް އިތުރަށް ވަރުގަދަ ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!