ފަނިން ހަންގަނޑު ޗާލުވެ އޮމާން ވޭ!
ދެންމެ | 01 ސެޕްޓެމްބަރ 2024

ހަންގަނޑު އޮމާންކޮށް ތާޒާކޮށް ބެހެއްޓުމަކީ ކޮންމެ މީހަކުވެސް ބޭނުންވާ ކެމެކެވެ. ހަންގަނޑަށް އެކިކަހަލަ މައްސަލަތައް ދިމާވުމުން އެކަމާ ހިތާމަކުރާ މީހުންވެސް އަޅުގަނޑުމެންގެ މުޖުތަމައުގައި މަދެއް ނޫނެވެ. އަދި އެކަމަށް ހައްލު ހޯދުމުގެ ބޭނުމުގައި އަތުގައި ހުންނަ ހުރިހާ ލާރިއެއްކޮށް ”ސްކިން ކެއާ“ ގަތުމަށް ބޭނުން ކުރާ މީހުންވެސް މަދެއް ނޫނެވެ.

ނަމަވެސް އަގުބޮޑު ސްކިން ކެއާގެ ބަދަލުގައި ހަށިގަނޑަށް ފައިދާހުރި އެކިކަހަލަ ފަނި ބުއިމުންވެސް މީހާގެ ހަންގަނޑު ރީތިވެއެވެ. އެހެންކަމުން މިފަހަރު މި ހިމަނާލަނީ ހަންގަނޑު ރީތިކުރަން ބޭނުންނަމަ ބޯންވީ ބައެއް ޖޫހުގެ ބާވަތްތަކެވެ.

 

ކެރެޓު ފަނި

ކެރެޓަކީ ގިނަ އަދަދަކަށް ބީޓާ ކެރެޓޮނިން ހިމެނޭ ތަރުކާރީއެކެވެ. މި މާއްދާއަކީ ހަށިގަނޑުގައި ވިޓަމިން އޭ އަށް ބަދަލުވާ މާއްދާއެއް ކަމުން، ކެރެޓު ފަނި ބުއިމުން ހަންގަނޑުގެ ހަލާކުވެފައި ހުންނަ ޓިޝޫތައް މަރާމާތު ކޮށްދީ، އިރުގެ ނުރައްކާތެރި ދޯދިތަކުން ހަންގަނޑު ރައްކާތެރި ކޮށްދެއެވެ.

 

ބީޓްރޫޓު ފަނި

ބީޓްރޫޓަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ ތަރުކާރީގެ ބާވަތެކެވެ. މިއީ ގިނަ އަދަދަކަށް ބީޓާ ކެރޮޓޮނިން އާއި، ވިޓަމިން ސީ އަދި އަޔަން ހިމެނޭ އެއްޗެއްކަމުން ބީޓްރޫޓު ޖޫސް ބުއިމުން ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ނައްތާލުމަށް އެހީވެދެއެވެ. އަދި އޭގެ ސަބަބުން ހަންގަނޑު އޮމާންވެ، މޫނުގެ ކުލަ އަލިވެ، ހަންގަނޑު ރީތިވެއެވެ.

 

ކިއުކަމްބާ ފަނި

ކިއުކަންބާ އަކީ ގިނަ އަދަދަކަށް ފެނާއި ސިލިކާ ހިމެނޭ އެއްޗެކެވެ. ކިއުކަމްބާ ފަނީގައި ހިމެނޭ މި މާއްދާތަކަކީ ހަންގަނޑު އޮމާން ކޮށްދިނުމަށް އެހީވެދޭ، އަދި ހަންގަނޑު ކުރަކިވުމުން ދުރުކޮށްދޭ މާއްދާތަކެވެ. އެހެންކަމުން ކިއުކަމްބާ ފަނި ބުއިމުން މީހާގެ ހަންގަނޑު ތާޒާކޮށްދީ ރީތިކޮށްދެއެވެ. އަދި ހަމަ އެހެންމެ ހަންގަނޑުގެ ކުލަވެސް އަލި ކޮށްދޭނެއެވެ.

 

އެލޮވޭރާ ފަނި

އެލޮވޭރާއަކީ ހަންގަނޑުގެ އެކި މައްސަލަތައް ހައްލު ކުރުމަށްޓަކައި ޒަމާނުއްސުރެ މީހުން ބޭނުން ކުރަމުން އައްނަ އެއްޗެކެވެ. މިއީ ހަންގަނޑު ހައިޑްރޭޓު ކުރުމަށް އެހީވެދޭ އަދި ދުޅަވުން ދައްކޮށްދޭ އެއްޗެކެވެ. އަދި އޭގެ ސަބަބުން މީހާގެ މޫނު ރީތިވެ، ހަމުގެ ކުލަވެސް ރީތިވެއެވެ.

މިފަދަ ފަނި ތައްޔާރު ކުރުމުގައި އެއްވެސް ބާވަތެެއްގެ ހަކުރު ބޭނުން ނުކުރުމުން މޭވާގެ ހުރިހާ ވިޓަމިނަކާއި ނިއުޓްރިޝަނެއް ހަށިގަނޑަށް ލިބިދޭ މިންވަރު އިތުރުވެގެން ދެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!