އޮށާއިއެކު ކަރާ ކޭކު ކެއުން!
ދެންމެ | 01 ސެޕްޓެމްބަރ 2024

އިންތިހާއަށް ހަކުރެވެ. އަގު އެހާ ބޮޑެވެ. ނުވިތާކަށް، ގިނަ ފަހަރު ވަނީ އިސްރާފެވެ. އުފަންދުވަހާއި ހާއްސަ މުނާސަބަތުތަކަށް ކޭކު އެޅުމުގެ ޚިޔާލު ތާޒާ މޭވާތަކަށް ބަދަލުކޮށްލަންވީ އެވެ.

މިފަހަކަށް އައިސް ބައެއް ކޭކު ޕޭޖުތަކުން ވެސް އޯޑަރަށް، ފުށާއި ހަކުރުން އަޅާ އެކި ކަހަލަ ކޭކުތަކުގެ ބަދަލުގައި މޭވާ ކޭކު ތައްޔާރުކުރަންވަނީ ފަށައިފަ އެވެ. ހާއްސަކޮށް، އެންމެ ތުއްތު ކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް އަދި އާއިލީ އެކި ހަފްލާތަކަށް މިއީ ”ހިޓް“ އެކެވެ.

މޭވާ ކޭކެއްގެ އެންމެ ބޮޑު ފަސޭހައަކީ މަސައްކަތް ލުއިވެފައި، ތަން ހަޑިނުވެ ބޭނުން ސައިޒަކަށް ތައްޔާރުކޮށްލެވޭ ކަމެވެ. އެކި ބައްޓަމަށް ވެސް އެ މީހެއްގެ އުފެއްދުންތެރިކަން ހުރިވަރަކުން ތައްޔާރުކުރަމުންދާންވީ އެވެ.

އާންމުގޮތެއްގައި މިފަދަ ކޭކުތަކުގެ ”ބޭސް“ އެއްގެ ގޮތަށް ބޭނުންކޮށްފައި ހުންނަނީ ރަތް ކަރަ އެވެ. ސައިޒު ބޮޑުވެފައި، ބޭނުންވަރަކަށް ފަސޭހަކަމާ އެކު އެހެން މޭވާތައް ހަރުކޮށްލެވި، އަދި އެކި ބައްޓަމަށް ކަރާ ފަރުމާކުރަން ވެސް ފަސޭހައީ އެވެ. އެހެން ޑެކަރޭޝަން އެލެމެންޓްތަކުގެ ގޮތުގައި އެންމެ ގިނައިން ބޭނުންކޮށްފައި ހުންނަނީ، ބްލޫބެރީ، މޭބިސްކަދުުރު، ކިވީ، ޑްރެގަންފްރުޓް އަދި އެކިކަހަލަ ބެރީ އެވެ. އަދި ކުދީނާ ފަތާއި، މެލަން އަދި އަލަނާސި ފަދަ ތަފާތު އެކި ކުލަތައް ބޭނުންކުރުމުން މިފަދަ ކޭކުތައް އިތުރަށް ފުރިހަމަވެގެންދެ އެވެ.

މިކަހަލަ ކޭކެއް އިހްތިޔާރުކުރުމުން ލިބޭ އެންމެ ބޮޑު ފައިދާއަކީ ސަލާމަތްވެގެންދާ ފައިސާ އެވެ. މާލޭގައި އުފަންދުވަހުގެ ކޭކެއް އޯޑަރަށް ހަދާ ނަމަ ގައިމު ވެސް 600- 1،000ރ. އާ ދެމެދުގެ ހަރަދެއް ދާނެ އެވެ. ގިނަ ޚަރަދުތަކެއް މިދަނީ ބޭނުންވާ އެކި ބައްޓަމާއި ޑިޒައިންނަށް ގިނަ ޕައުންޑްގެ ކޭކެއް އަޅަންޖެހޭނެ ކަމަށް ބުނެ އެވެ.

އެކަމަކު، އުފަންދުވަސް އަދި ކައިވެނީ ހަފްލާތަކުގައި ވެސް ގިނަ ފަހަރު ކޭކު ވަނީ އިސްރާފަކަށެވެ. ކެވޭ މީހުންނާއި އެއްވަރަށް ސިއްހީ އެކި މައްސަލަތަކާއި އަދި ދުޅަހެޔޮކަމަށް ލޯބިކޮށް، ކޭކުކާން ބޭނުން ނުވާ މީހުން ވެސް މިހާރު ގިނައީ އެވެ. އެހެންކަމަށްވާ ނަމަ އެންމެނަށް ވެސް ކެވޭ އަދި ބޭނުންގޮތަކަށް ފަޅާލެވޭ ހަށިގަނޑަށް އެތައްސަތޭކަ ފައިދާއެއް ލިއްބައިދޭ މޭވާ ކޭކެއް މާ ފުރިހަމަ ވާނެ ނޫންހެއްޔެވެ؟

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!