ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއް އެއްކޮށްލަނީ: ރައީސް
ދެންމެ | 01 ސެޕްޓެމްބަރ 2024

ސަރުކާރު ހިއްސާވާ ތިން ކުންފުނި އެއްކޮށްލުމުގެ މަޝްވަރާ ކުރުމަށް މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި އެޖެންޑާ ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޓިކްޓޮކްގަ ކުރި ޕޯސްޓެއްގަ ރައީސް ވިދާޅުވީ ފާއިތުވި ހަފުތާގަ އެސްއޯއީތަށް ރީޕޯމް ކުރުމުގެ މަސައްކަތުގެ ދަށުން އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި އެއީ މުހިއްމު ނިންމުމެއް ކަމަށާ މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި އިތުރު ކުންފުނިތަކެއް އެއްކޮށްލުމުގެ މަޝްވަރާ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްގެ ދަށަށް ބަދަލު ކުރުން ނުވަތަ މާޖް ކުރުމާމެދު މަޝްވަރާ ކޮށް، އެ ދެ ކުންފުނި އެކީގައި ހިންގޭނެ ގޮތްތަކާ މެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަން ރައީސް މުއިއްޒު ހާމަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން ލިބޭނެ ފައިދާ ވަރަށް ބޮޑުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެޗްޑީސީ އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ވެސް އެކޮށް ހިންގޭޏެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް އެޖެންޑާ ކޮށްފައިވާއިރު އެޗްޑީސީގެ ދަށުން ހިންގާ ސަބްސިޑަރީއަކަށް އެފްޑީސީ ހެދުމާ މެދު މަޝްވަރާ ކުރާނެ ކަމަށެވެ.

އޭގެ އިތުރުން، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)، އެކީގަ މަސައްކަތް ކުރެވޭނެ ގޮތެއް މަޝްވަރާ ކުރުން ވެސް އެޖެންޑާގައި އޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަމަ އެއާ އެކީގަ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިއްމު އަދި ކުރިއަރާފައިވާ ބައެއް ގައުމުތަކުގަ ވެސް ކަން ކުރާ ގޮތަށް އިގްތިސާދު ޑައިވާސިފައި ކުރުމަށް އިންވެސްޓަރ ރެޒިޑެންސީ ޕްރޮގްރާމެއް ތައާރަފު ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވެސް ވަނީ އެޖެންޑާ ކުރެިވފަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ހުސް ރައްޔިތުންނަށް އޭގެ ސަބަބުން މަންފާ ކުރާނެ ކަންކަން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!