އިގްތިސާދީ ގޮތުން ރާއްޖެ ނުދެކޭފަދަ ބޮޑެތި ތަރައްގީގެ މަސްރޫއުތަކެއް މޭސްތިރިކަމުގައި ހިންގާފައިވާ އަދީބު އިންޑިއާގެ އެންޑީޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ސަރުކާރުގެ ގިނަ ވަޒީރުންނަކީ އެމަނިކުފާނާއި އެކު ކުރިން މަސައްކަތް ކުރެއްވި ބޭފުޅުންކަމަށެވެ. އެހެންކަމުން މާލީ ހާލަތާއި ގުޅޭގޮތުން ފެންނަ އިރުޝާދުތައް ދެއްވާކަމަށް އަދީބު ވިދާޅުވިއެވެ.
އެންމެ ޒުވާން ނައިބް ރައީސް އަދީބު ވިދާޅުވީ މާލީ ހާލަތު ރަނގަޅު ކުރަން އަމިއްލަ ހައިސިއްޔަތުން ސަރުކާރުގައި ތިބޭ ރައްޓެހިންނަށް އަބަދުވެސް ނަސޭހަތް ދެއްވާކަމަށެވެ. މިދިޔަ އެމްޑީޕީ ސަރުކާރުގައި ތިބި އެކުވެރިންނަށްވެސް އެ ނަސޭހަތް ދެއްވިކަމަށްވެސް އަދީބު ވިދާޅުވިއެވެ. އަދި އެއީ ރަސްމީ ކަމެއްނޫންކަމަށާއި އެއީ ފަރުދީ ޒިންމާއެއްކަން ފާހަގަކުރައްވަމުން އަދީބު ވިދާޅުވީ ރާއްޖެއަކީ އެމަނިކުފާނުގެވެސް އުފަންގައުކަމަށެވެ.
ރައީސް ޔާމީނާއި އިދިކޮޅު އެމްޑީޕީން ވެސް އަދީބު ރައީސް ޑރ. މުއިއްޒާއި އެކު ބައިއަތު ހިފައިފިނަމަ ގައުމުގެ އިގްތިސާދު ހަމައަކަށް އަޅުވާނެ ކަން ޔަގީން ކުރެއެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން އެންމެ ކަންބޮޑުވާ އެއްކަމަކީ އަދީބު ސަރުކާރާއި ގުޅުން ކަމަށް ސިޔާސީ ކަންކަން ދިރާސާ ކުރާ ފަރާތްތައް ދެކެ އެވެ.