މިސްކިތްތަކަށް އިހުގައި ދިވެހިން ކުރި އިޙްތިރާމު އަލުން ގެންނަން ބޭނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
މި ރަސްމިއްޔާތުގައި ދިވެހި ރައްޔިތުންނާ މުޚާތަބު ކުރަށްވައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ކަސިޔާރު ފިކުރީ ރާޅުތަކުން ދިވެހިންގެ ޖީލުތަކުގެ ހިތްތަކާއި ވިސްނުންތައް ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމުގައި ދިވެހި ކޮންމެ ބެލެނިވެރިއަކާއި ކޮންމެ މުދައްރިސަކާއި ކޮންމެ ރައްޔިތެއްގެ އިސްނެންގެވުމަށް ރައީސް ވަނީ އިލްތިމާސް ކުރަށްވާފައެވެ.
ރައީސް ވިދާޅުވީ ދިވެހި ޤައުމިއްޔަތުގެ މަދަކީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ. އަދި ދީނީ ކަންކަން ހަރުދަނާކޮށް މަގުތައް ފަހިކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.
“ފަތިހު ހޭލާ ދިވެހި ޤައުމެއް ބޭނުން. ހެނދުނާއި ދެނަމާދު ދޭތެރޭ ކީރިތި ޤުރުއާން ކިޔެވުމުގައި ކުޑަ ކުދީން ޝައުޤުވެރިކަމާއެކު އުޅޭ ދިވެހި ޤައުމެއް އަޅުގަނޑު ދެކެން ބޭނުން. ފަރުޟު ނަމާދުގެ ޖަމާޢަތްތައް ބައިބޯކޮށް ފެންނަން ބޭނުން. އެކަމުގެ މާތްކަމާއި އެކަމުގައި ހުރި ދަރުމައިގެ ގިނަކަން އަޅުގަނޑުމެން ކުރެ ކޮންމެ ދިވެއްސަކަށް އިޙްސާސްވާން ބޭނުން. ހަމައެހެންމެ މިސްކިތްތަކަށް އިހުގައި ކުރި އިޙްތިރާމު އަލުން ގެންނަން ބޭނުން.” ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވެފައިވެއެވެ.
ރައީސް މިއަދު ވިދާޅުވީ މުސްލިމުން މާތް ބަޔަކަށް ވާނީ އެމީހުންގެ ޙަޔާތުން އެ މީހުންގެ މާތްކަން ދައްކާނަމަ ކަމަށެވެ. އެގޮތުން ފުރިހަމަ މުސްލިމެއްގެ ގޮތުގައި ދިރިއުޅުމުގެ ކޮންމެ ކަމެއް ބައްޓަން ކުރުމުށާއި ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރަންޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
“ކަމެއް ވީމާ ނޫންތޯ ދިވެހީންނަކީ މާތް ބައެއް ކަމަށް އިބްނު ބަޠޫޠާ ލިޔުއްވާފައި އެ އޮތީ؟ ކަމެއް ވީމާ ނޫންތޯ ދިވެހީންގެ ގަހަކުން ވެށްޓޭ މޭވާއެއް ވެސް އެ މީހުންގެ ހުއްދަ ނުހޯދައި ނުނެގުމަށް ބޭރުގެ ބައެއް ނިޔަމިން އެ މީހުންގެ އޮޑިފަހަރުގެ ފަޅުވެރީނަށް އަންގާފައި އެ އޮތީ. އަޅުގަނޑުމެން އިޢާދަކުރަން ބޭނުންވަނީ އެ ދިވެހީންގެ އެ ހުރި މާތް ސިފަތައް. އެ އަޚްލާޤު.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އޭގެ އިތުރުން ކޮންމެ ޤައުމަކަށްވެސް އެންމެ މުހިއްމުވާނީ އެ ޤައުމެއްގެ ކޮންމެ ފަރުދެއްގެ އަޚުލާޤު ކަމަށާއި ދިވެހި އައިޑެންޓިޓީގެ ވާހަކަ ދައްކާ އިރު، އެއީ މިއަދު ވަރަށް ބާރުލާން ބޭނުންވާ ނުކުތާއެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އިސްލާމްދީން ބާރު އަޅުއްވާފައިވާ ގޮތަށް އެކަކު އަނެކަކަށް ހެޔޮ ބަހެއް ނޫނީ ނުބުނުމަށާއި ބުނާނެ ހެޔޮ ބަހެއް ނެތްނަމަ ހަނު ހުރުމަށް ރައީސް މިއަދު ވަނީ އިލްތިމާސް ކުރަށްވާފައެވެ.