މީހަކާއި ނީދެ، ހުސްހަރިބަޔަށް ހުންނަނީ ކީއްވެ!
ދެންމެ | 06 ސެޕްޓެމްބަރ 2024

އުމުރުން ދުވަސްވާވަރަކަށް ހަޔާތަށް ބައިވެރިޔަކު ގެނެވުމަށް އަންނަ ޕްރެޝަރު ބޮޑުވެއެވެ. އުމުރު ދެބައިވާއިރު ޒަވާޖީ ހަޔާތެއް ފަށާފައި ނުވާނަމަ އާއިލާ މީހުންނާއި ރައްޓެހިންގެ ސުވާލުތައް ގިނަވެއެވެ. އަދި އާއިލީ ބައްދަލުވުންތަކުގެ އިތުރުން ރައްޓެހިންނާއެކު ކުރިއަށްދާ ކޮފީތަކުގެ މައި ވާހަކައަކަށް މިކަން ވެގެން ދެއެވެ. ނަމަވެސް އެމީހުންނަށް ގަބޫލު ކުރަން އުނދަގޫވާ ކަމަކީ ޒަވާޖީ ހަޔާތެއް ފެށުމަށް މީހާ ފަސްޖެހޭ ވަރަށް ގިނަ ސަބަބުތަކެއް ވާކަމެވެ.

ގިނަ ފަހަރަށް ޒަވާޖީ ހަޔާތެއް ފެށުމަށް މީހުން އިންކާރު ކުރާ އެންމެ ބޮޑު އެއް ސަބަބަކީ ހަޔާތުގައި ދިމާވެފައި ހުންނަ ހިތި ތަޖުރިބާ ތަކުގެ ސަބަބުންނެވެ. ކުރީގެ ލޯބިވެރިންނާއެކު އުޅުމުގެ ތެރޭގައި ލިބިފައިވާ ހިތި ތަޖުރިބާތަކާއި، ކުރީގެ ލޯބިވެރިޔާ ބޭވަފާތެރި ވެފައިވާނަމަ އެކަމުން އަރައިނުގަނެވުމަކީ ޒަވާޖީ ހަޔާތެއް ފެށުމަށް ފަސް ޖެހޭ ކަމެކެވެ. އަދި ހަމަ އެހެންމެ އާއިލާގެ ގާތް މީހަކަށް ކުރެވުނު ހިތި ތަޖުރިބާ އެނގޭތީ، އެކަމުގެ ސަބަބުންވެސް ކައިވެނި ކުރަން ބޭނުން ނުވެދާނެއެވެ.

އަދި ހަމަ އެހެންމެ ބައެއް މީހުންނަކީ ޖަޒުބާތީ ގޮތުން ބަލިކަށިކަން ދައްކަން ބޭނުން ނުވާ މީހުންނަށްވެސް ވެދާނެއެވެ. މިފަދަ މީހުންނަށްވެސް ޒަވާޖީ ހަޔާތެއް ފެށުން ވަނީ ވަރަށް އުނދަގޫ ކަމަކަށެވެ. ސަބަބަކީ ޒަވާޖީ ހަޔާތެއް ފެށުމަށްފަހު ބައިވެރިޔާއާއެކު ހޭދަކުރާ ވަގުތު ގިނަވެ، ބައިވެރިޔާއާވެސް ޖަޒުބާތުތައް ހިއްސާ ކުރަން ޖެހިދާނެތީއެވެ. އަދި މާބޮޑަށް ޖަޒުބާތީވެވުމުގެ ސަބަބުން ތިބާގެ އެ ސިފަ ބައިވެރިޔާއަށް ކަމުނުދާނެ ކަމުގެ ބިރު ހީވާތީވެސް މެއެވެ.

މީގެ އިތުރުން ތިބާގެ ޖަޒުބާތުތަކާމެދު އެހާ ޔަގީންކަން ނެތުމަކީވެސް ޒަވާޖީ ހަޔާތެއް ފެށުމަށް އިންކާރު ކުރެވޭ އެއް ސަބަބެވެ. އެގޮތުން ހަޔާތުގެ ދުވަސްތައް އެހެން މީހަކާ ހިއްސާ ކުރަން ބޭނުން ނުވާކަމުގެ އިހުސާސް ކުރެވުމާއި، އެކަނި މާއެކަނި ދިރިއުޅުން ބައްޓަންކުރުން މާ ރަނގަޅު ކަމަށް ހީވުމަކީވެސް ކައިވެނި ކުރުމަށް ފަސް ޖެހޭ ކަމެކެވެ. އަދި ހަމަ އެހެންމެ ޒަވާޖީ ހަޔާތެއް ފަށަން އެންމެ ކަމުދާ ބައިވެރިއެއް ނުފެނުން، ނުވަތަ ތިބާ ލޯބިވާ މީހާކު ނެތުމަކީވެސް ހަޔާތެއް ފެށުމަށް އިންކާރު ކުރެވޭ ސަބަބަކަށް ވެދާނެއެވެ.

ޒަވާޖީ ހަޔާތެއް ފެށުމަށް އިންކާރު ކުރެވޭ މިނޫންވެސް އެތައް ސަބަބުތަކެއް ވެއެވެ. ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތާއި ދިރިއުޅުމުގައި ލިބިފައިވާ ތަޖުރިބާތަކަށް ބަލައި، އަމިއްލަ ފައިމައްޗަށް ނުތެދުވެވެނީސް އިތުރު މީހަކާއެކު ހަޔާތެއް ފެށުމަކީ އެހާ ރަނގަޅު ކަމަށްވެސް ނުވެދާނެއެވެ. އަދި އާއިލީ މީހުން ނުވަތަ ރަށްޓެހިންގެ ޕްރެޝަރުގެ ސަބަބުން އަވަސް އަރުވައިގެން ކުރާ ކައިވެނި، އަވަހަށް ރޫޅިވެސް ދާނެއެވެ. ވީމާ ޒަވާޖީ ހަޔާތެއް ފަށާއިރު، މިހުރިހާ ކަމަކަށް ވިސްނައި ތިބާ ތައްޔާރު ވުމުން ނޫނީ މިކަން ކުރުން އެހާ ރަނގަޅެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!