މާލީ ބަގާވާތުގެ ލީޑަރ ބީއެމްއެލް ސީއީއޯ ކާލް އިސްތިއުފާ ދެއްވައިފި
ދެންމެ | 09 ސެޕްޓެމްބަރ 2024

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ ކާލް ސްޓުމްކަ އިއްޔެ އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ބީއެމްއެލުން މިއަދު ބުނީ، ކާލް އިއްޔެ ސީއީއޯކަމުން އިސްތިއުފާ ދެއްވި ނަމަވެސް މި މަހު 21 ގައި ބާއްވާ ޚާއްސަ އާންމު ޖަލްސާ (އީޖީއެމް)އާ ހަމައަށް މަގާމުގައި ދެމިހުންނަވާނެ ކަމަށެވެ.

އެކަމަކު، ކާލް މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ބީއެމްއެލުން ނުބުނެއެވެ.

ބީއެމްއެލަށް އާ ސީއީއޯއެއް އައްޔަންކުރަންދެން ސީއީއޯގެ ޒިންމާތައް އަދާކުރައްވާނީ ޑެޕިއުޓީ ސީއީއޯ ޢާއިޝަތު ނޫރައްދީން ކަމަށް ވެސް ބޭންކުން ބުންޏެވެ. ފާހަގަކޮށްލެވޭ ގޮތުގައި ނޫރައްދީން ވެސް މިދިޔަ މަހު 24 ގައި ވަނީ ބީއެމްއެލްގެ ބޯޑުން އިސްތިއުފާދެއްވައިފައެވެ. އެކަމަކު، ޑެޕިއުޓީ ސީއީއޯކަމުން އޭނާ އިސްތިއުފާއެއް ނުދެއްވައެވެ.

ނޫރައްދީން ބޭންކްގައި ޚިދުމަތްކުރައްވާތާ 42 އަހަރު ވެއްޖެއެވެ.

ބީއެމްއެލުން ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު ލިމިޓު މިދިޔަ މަހު 25 ގައި އެއްކޮށް އުވައިލިއެވެ. އެކަމަކު، އެއީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމާ ހިލާފަށް ކުރިކަމެއް ކަމަށް ސަރުކާރުން ބުނި ފަހުން މަރުކަޒީ ބޭންކް، އެމްއެމްއޭގެ އިރުޝާދަށް ބީއެމްއެލުން ވަނީ ނިންމުން ބަދަލުކޮށްފައެވެ.

އޭގެ ފަހުން ސީދާ ރައީސް މުއިއްޒު ވަނީ ބީއެމްއެލުން ބަޣާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކުރައްވައިފައެވެ.

ބީއެމްއެލުން ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު ލިމިޓު އުވައިލަން ނިންމި ދަނޑިވަޅު ހަމަނުޖެހުން ހިންގަން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރި ކަމަށާއި ގައުމު ހަލަބޮލިކޮށް، ވެރިކަން ވައްޓާލަން ބަޣާވާތްކުރަން އުޅުނު ކަމަށް ބުނެ، ފުލުހުން ވެސް ވަނީ ޖިނާއީ ތަހުގީގެއް ފަށައިފައެވެ.

ބީއެމްއެލުން ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު ލިމިޓު އުވާލީ ބޭންކަށް ބޭނުންވާ މިންވަރާ ގާތަށް ވެސް ބާޒާރުން ޑޮލަރު ގަންނަން ނުލިބޭ ކަމަށް ބުނެއެވެ.

އެގޮތުން، ބީއެމްއެލުން އޭރު ބުނީ، ބީއެމްލުން ރުފިޔާ ކާޑުތަކަށް ޑޮލަރު ދޫކުރަން 180 މިލިއަން ޑޮލަރު ބޭނުންވާ ކަމަށާއި އެކަމަކު ބޭންކަށް ގަންނަން ލިބެނީ 60 މިލިއަން ޑޮލަރު ކަމަށެވެ. އެހެންވެ، އިތުރު ގޮތެއް ނެތިގެން ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމީ ކަމަށް ބޭންކުން އޭރު ބުންޏެވެ.

އެ މައްސަލައިގައި ބަޣާވާތެއްގެ ތުހުމަތުކޮށް، މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ބީއެމްއެލްގެ ސީއީއޯގެ އިސްތިއުފާއަށް ވެސް ގޮވާލައިފައެވެ.

ބީއެމްއެލުން ނިންމުން ބަދަލުކުރީ މަރުކަޒީ ބޭންކްގެ އިރުޝާދުގެ ދަށުންނެވެ.

އެމްއެމްއޭއިން ބީއެމްއެލްގެ ނިންމުން ބަދަލުކުރި ފަހުން ނެރުނު ބަޔާނެއްގައި ވަނީ މަރުކަޒީ ބޭންކުން ބޭންކުތަކަށް ޑޮލަރު ދޫކުރާއިރު ރައްޔިތުންނާ ގުޅުންހުރި މި ފަދަ ކަންކަމަށް އިސްކަންދޭނެ ކަމަށް ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!