ސޯޝަލް މީޑިއާގައި ހިންގާ ބަރަހަނާ ޗެނަލްތަކަށް ވެދެ ތިބޭ މީހުން ހޯދާ އެމީހުންނާއި މެދު ފިޔަވަޅު އަޅާނެކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން މިހެން ބުނީ ބަރަހަނާ ފޮޓޯއާއި ވީޑީއޯ ހިއްސާކުރަމުންގެންދިޔަ 571 ޓެލެގްރާމް ޗެނަލް ފުލުހުން ބަންދުކޮށް އެކަމާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ޓްލެގްރާމުގައި ބަރަހަނާ ފޮޓޯއާއި ވީޑީއޯ ހިއްސާކުރަމުންގެންދިޔަ 571 ޓެލެގްރާމް ޗެނަލް ހިނގާކަމުގެ ތުހުމަތުގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި ޗެނަލްތައް ބަންދުކުރިއިރު އެ ޗެނަލްތަކުގައިވާ ބަރަހަނާ ފޮޓޯ އަދި ވީޑިއޯތައް ބަލަން 34 ހާހަށް ވުރެ ގިނަ ދިވެހިން ފައިސާ ދައްކާ އެޗެނަލްތެރޭގައި ތިބިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ސައިބާ ކްރައިމް ސެންޓާގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސަމީހު ވިދާޅުވީ ސޯޝަލް މީޑިއާގައި ހިންގާ ބަރަހަނާ ޗެނަލްތަކަށް ފައިސާ ދައްކާ މި ފަދަ ޗެނަލްތަކަށް ވަދެ ތިބުމަކީ ކުށެއްކަމަށެވެ. އަދި އެކަން ކުރާ މީހުން ހޯދާ ފިޔަވަޅު އަޅާނެކަމަށް އޭބާ ވިދާޅުވިއެވެ.
“ މިފަދަ ޗެނަލްތަކަށް ވަދެ ތިބޭ ފަރާތްތައް ހޯދާ ގާނޫނީ ހަމަތަކުގެ މަތިން ދިވެހި ފުލުހުންގެ ހިދުމަތުން ފިޔަވަޅު އަޅާނަންކަން ފާހަގަކޮށްލަން.“ ސައިބާ ކްރައިމް ސެންޓާގެ ހެޑް މުހައްމަދު ސަމީހު ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ހިންގާ ބަރަހަނާ ޗެނަލްތަކުގެ ޝިކާރައަކަށް ވެފައި ތިބި ފަރާތްތަކުން ފުލުހުންނަށް ގުޅާ އެ މައުލޫމާތު ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.