ނަމާދުގައި ދިގު ސޫރަތްތައް ކިޔަވާތީ ޝަކުވާ ލިބޭ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް ވިދާޅުވީ ހުކުރު ނަމާދު ފަދަ ޖަމާއަތް ބޮޑު ނަމާދުތަކުގައި ދިގު ސޫރަތްތައް ކިޔަވާތީ ޝަކުވާ އަންނަ ކަމަށެވެ. ވަޒީރު މިއަދު ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުކުރު ނަމާދު ފަދަ ޖަމާޢަތް ބޮޑު ނަމާދުތަކުގައި ބައެއް ޚަޠީބުން ވަރަށް ދިގުކޮށް ކިޔަވާކަމަށް ޝަކުވާ އަންނަ ކަމަށާއި މިފަދަ ޖަމާޢަތް ބޮޑު ނަމާދު ތަކުގައި ސުންނަތްވެގެންވާ ގޮތަކީ ކުރުކޮށް ކިޔެވުން ކަމަށެވެ.
”ހުކުރު ނަމާދު ފަދަ ޖަމާޢަތް ބޮޑު ނަމާދުތަކުގައި ބައެއް ޚަޠީބުން ވަރަށް ދިގުކޮށް ކިޔަވާކަމަށް ޝަކުވާ އާދޭ. މި ފަދަ ޖަމާޢަތް ބޮޑު ނަމާދުތަކުގައި ސުންނަތްވެގެންވާ ގޮތަކީ ކުރުކޮށް ކިޔެވުން.“ ވަޒީރު ޝަހީމްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޖަމާޢަތުގައި ބަލިމީހުންނާއި އުޒުރުވެރިން އަދި ކުޑަކުދިންވާނެކަން އިމާމުގެ ހަނދާނުގައި ބެހެއްޓުން މުހިންމު ކަމަށެވެ. އަދި ވިއްސާރަވާއިރު ވިއްސާރައިގައި އަދި ގަދަ އަވިދޭ އިރު އަވީގައި ވެސް ޖަމާޢަތުގެ ބޮޑު ބައެއް އޮންނަ ކަމަށާއި މިފަދަ ކަންކަމާމެދު ސަމާލުވުމަކީ ފިޤުހުވެރިކަމުގެ ތެރެއިންވާކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.