މާލެއަށް ހިޖުރަކުރާ ”ރާއްޖެތެރޭ“ މީހުން ދިރިއުޅެމުންދާ ދަތި ހާލާއި އެ މީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި، ދިވެހި އަންހެން ޒުވާނަކު ފާޅުކުރި ހިޔާލުތަކެއް މިވަނީ ބަންޑުންކޮށްލާފައެވެ.
އޭނާގެ ހިޔާލުތަކަށް ތައުރީފުއޮހެމުން ދިޔައިރު، ގިނަބަޔަކަށް ހީވީ އެމީހުންގެ ހިތުގައި ގިނަ ދުވަސްތަކެއްވަންދެން ނުދެއްކިއޮތް ވާހަކަތައް އޭނާ ބަންޑުންކޮށްލިހެންނެވެ.
”މީކީ އަހަރެމެންގެ ވަޒަނެއް ނޫން، އަހަރެމެންނަކީ މިތަނުގެ، މިތަނަކީ އަހަރެމެންގެ ބައެއް ނޫން، ކިތަންމެ ގާތަސް މީ އަހަރެންނާ ދުރުހިލޭ ތަނެއް، ކިތަންމެ ތިމާގެޔަސް އަހަރެންނާ ގުޅުމެއް ނެތް ބިމެއް“ މި ޒުވާނ ބުންޏެވެ.
އޭނާ ފާހަގަކުރި ގޮތުގައި، މާލެއަށް ހިޖުރަކުރާ ރާއްޖެތެރޭ މީހުންނަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. ނަމަވެސް އެމީހުންނަކީ މާލޭގެ ބައެއްކަމުގައި ބަލައިނުގަނެވެއެވެ.
”މިތާކު އަހަރެމެންގެ ގެދޮރެއް ނެތް، އަހަރެމެންގެ ފުރާޅެއް ނެތް، ދޭހާ އަތްވަކުން، ވެހޭހާ ވާރެއަކުން ގެދޮރުވެރިންގެ ދަހިވެތިކަމުން ވަޒީފާ ދޭ މީހުންގެ އަޅުވެތިކަމުން، މިތާކު އަހަރެމެންނަށް ހިޔާވައްސެއް ނެތް“ އޭނާ ބުންޏެވެ.
އަމިއްލަ ރަށާ ގުޅުން ކެނޑި، މާލެއާވެސް ގުޅުމެއް ނެތި، ދެ ތަނުގެ ދޭތެރޭގައި ޖެހިފައިވާ ހާލު އޭނާ ސިފަކުރިއެވެ.
”އަހަރެންނަނީ ރަށަކު މާލެއަކު ކައްވާ ނުލި މީދަލެއް… އަހަރެމެންނަކީ ރަށަކުން މާލެއަކުން ލައްވާނުލި މީދާތަކެއް، އެ ނޫންދެން އަހަރެމެންނަކީ ކޮން ބައެއް؟“ އޭނާ އެހިއެވެ.
މި ވާހަކަތަކުން ހާމަވަނީ މާލެއަށް ހިޖުރަކުރާ ރާއްޖެތެރޭ މީހުންނަށް ދިމާވާ އިޖްތިމާއީ އަދި އިގްތިސާދީ ގޮންޖެހުންތަކެވެ. ބޯހިޔާވަހިކަމުގެ ދަތިކަމާއި، އަމިއްލަވަންތަކަން ގެއްލުމާއި، މުޖުތަމައުގައި ބަލައިނުގަތުން ފަދަ މައްސަލަތަކަކީ މި ބަޔަކަށް ދިމާވާ މައިގަނޑު ދަތިތަކެވެ.
މި ޒުވާން އަންހެނާ އިތުރަށް ފާހަގަކުރި ގޮތުގައި، މާލެއަށް ހިޖުރަކުރުމުގެ ސަބަބުން ރަށުގެ ދިރިއުޅުމާއި ސަގާފަތާ ގުޅުން ކެނޑި، އަމިއްލަ ވަންތަކަން ގެއްލިގެންދެއެވެ. ”ރަށިބަސް ދިލަށް ބަރަވެގެ، ފަތުސް ފަތިހަށް، ހެންނަ ހެނދުނަށް، މެންދިރި މެންދުރަށް، ހަވިރި ހަވީރަށް، ރޭގަނޑި ރޭގަނޑަށް ބަދަލުވެގެ“ އޭނާ ބުންޏެވެ.
އަދި މާލެއަށް އައުމަށްފަހު އަމިއްލަ ރަށާ ގުޅުން ކެނޑި، ރަށުގެ މަގުތައްވެސް ހަނދާން ނެތިގެންދާކަން އޭނާ ފާހަގަކުރިއެވެ. ”މިފަހަރު ޗުއްޓީގަ ރަށަށް ދިޔައިން… ރަށު ސްކޫލަ ހުރެފައި ގެއަށް ދާ މަގެއް މަށަކަށް ނޭންގުނު“ އޭނާ ބުންޏެވެ.
މާލޭގައި ދިރިއުޅޭ ރާއްޖެތެރޭ މީހުން އުޅެމުންދަނީ ވަރަށް ދަތި ހާލުގައިކަން އޭނާ ފާހަގަކުރިއެވެ. ”މި މާލޭގައި ގެދޮރުވެރިން އުޅެން ކަމު ނުދާ ކުޑަ ގޮޅިގޮޅީގައި އުޅެނީ ހުސް މަކަހަލަ މީހުން“ އޭނާ ބުންޏެވެ.
މި ހާލަތު ހައްލުކުރުމަށް ސަރުކާރުންނާއި މުޖުތަމައުން އަޅަންޖެހޭ ފިޔަވަޅުތަކެއް ހުރިކަން މި ޒުވާނާގެ ވާހަކަތަކުން ހާމަވެއެވެ. ”ރާއްޖެތެރެއިން“ މާލެއަށް ހިޖުރަކުރާ މީހުންނަށް އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، އެ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި، މުޖުތަމަޢުގައި ބަލައިގަތުން އިތުރުކުރުމަކީ މުހިންމު ކަންކަމެވެ.
މި މައްސަލައަށް ހައްއްލެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތްކުރަން ޖެހިފައިވާކަން މި ދިވެހި ޒުވާނާގެ ވާހަކަތަކުން، އަދި އެނާގެ ޕޯސްޓަށް ސަޕޯޓުކޮށް އެތައް ބަޔަކުކޮށްފައިވާ ކޮމެންޓުތަކުން ހާމަވެއެވެ.
”ރާއްޖެތެރެއިން“ މާލެއަށް ހިޖުރަކުރާ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އެ މީހުންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބޭނެ މާގައުލެއް ގާއިމުކުރުމަކީ މުޅި މުޖުތަމައުގެ ޒިންމާއެކެވެ.