ހއ. މާރަންދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިޚާބުކުރުމަށް ބޭއްވި ބައި- އިލެކްޝަންގައި 285 ވޯޓާއެކު ޕީއެންސީގެ ކެންޑިޑޭޓް އަބްދުލްހަމީދު އަބްދުއްސައްތާރު ގޮނޑި ކާމިޔާބު ކުރައްވައިފިއެވެ.
މި އިންތިޚާބު ބާއްވާފައި ވަނީ، ހއ. މާރަންދޫ ކައުންސިލްގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އަޙުމަދު ރަމީޒު ކުއްލި ގޮތަކަށް ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.
ހުސްވެފައިވާ އެ ގޮނޑިއަށް ކައުންސިލަރަކު އިންތިޚާބުކުރުމަށް މިއަދު ހެނދުނު 08:00 ގައި ފެށި އިންތިޚާބުގެ ވޯޓު ފޮށިތައް ބަންދުކޮށްފައި ވަނީ މިއަދު ހަވީރު 16:00ގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮށިން 98 ވޯޓާއެކު ކުރި ހޯދާފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 90 ވޯޓެވެ. އަދި ފަސް ވޯޓު ވަނީ ބާތިލުވެފައެވެ.
މާރަންދޫގައި ބަހައްޓާފައިވާ ވޯޓު ފޮށިން ވެސް ކުރި ހޯދާފައި ވަނީ 187 ވޯޓާއެކު ޕީއެންސީގެ ކެންޑިޑޭޓެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 160 ވޯޓެވެ.
މިހާރު މާރަންދޫ ކައުންސިލްގައި ހިމެނޭނީ ޕީއެންސީ ކައުންސިލަރެއްގެ އިތުރުން އެމްޑީޕީގެ ތިން ކައުންސިލަރުންނާއި އަމިއްލަ ގޮތުން ހޮވިފައިވާ ކައުންސިލްގެ ރައީސެވެ.
މި ބައި-އިލެކްޝަންގައި ވޯޓުލެވޭ މީހުންގެ އަދަދަކީ 736 އެވެ. އޭގެ ތެރޭގައި 354 އަންހެނުންނާއި 382 ފިރިހެނުން ހިމެނެއެވެ. ދެ ވޯޓު ފޮއްޓެއް މި އިންތިޚާބުގައި ބަހައްޓާފައިވާއިރު އެއް ފޮށި ހުރީ މާލެ، ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ކޮންފަރެންސް ހޯލުގައެވެ. އަނެއް ފޮށި ބަހައްޓާފައި ހުރީ މާރަންދޫގައެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޯޓުލުމުގެ ވަގުތު ހަމަވިއިރު ވޯޓުލާފައި ވަނީ 560 މީހުންނެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 76.09 އިންސައްތަ މީހުންނެވެ. ވޯޓު ނުލާ 176 މީހުން އެބަތިއްބެވެ. އެއީ 23.91 އިންސައްތަ މީހުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ބައި- އިލްކެޝަނަށް ޕީއެންސީއާއި އިދިކޮޅު އެމްޑީޕީން ވެސް ވަނީ ވަރަށް ބޮޑަށް ކެމްޕޭނުކޮށްފައެވެ. އެގޮތުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި، ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރުން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވެސް ވަނީ މާރަންދޫއަށް ވަޑައިގެން ޑޯ-ޓު-ޑޯ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ.
ހަމައެއާއެކު ޕީއެންސީން ވެސް އެ ގޮނޑި ކާމިޔާބުކުރުމަށްޓަކާ ވަރަށް ފުޅާ ދާއިރާއެއްގައި ކެމްޕޭނުކޮށްފައިވެއެވެ. އެގޮތުން ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއާއި، ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވެސް ވަނީ މާރަންދޫއަށް ވަޑައިގެން ކެމްޕޭނުގައި ބައިވެރިވެވަޑައިގެންފައެވެ.
އެންމެ ފަހުން މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ތިން ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބުގައި ވެސް އެމްޑީޕީއަށް ވަނީ ނާކާމިޔާބާއި ކުރިމަތިލާން ޖެހިފައެވެ.
ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ އަވަހާރަވި އަޙުމަދު ރަމީޒު އަވަހާރަވެފައި ވަނީ ކުއްލި މަރަކުންނެވެ.
ރޭ މާރަންދޫ ކައުންސިލްގެ މެންބަރު ޙުސައިން އާދަމް ވިދާޅުވީ ރަމީޒު އަވަހަރާވީ ކުއްލި ގޮތަކަށް ކަމަށެވެ. އެ ގޮތުން އެ ދުވަހުގެ ހަވީރު ހއ. މާރަންދުއާއި ހދ. ނެއްލައިދޫ ޒުވާނުންގެ މެދުގައި ކުޅުނު އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއްގައި ރަމީޒު ކުޅުނު ކަމަށާއި އެހެންނަމަވެސް ވަކި ހިސާބަކުން މާ ބޮޑަށް ވަރުބަލިވާތީ، އޭނާ އިންނެވީ ބެންޗުގައި ކަމަށް ބުންޏެވެ.
އެ މެޗަށް ފަހު އޭނާ ހޮޑުލައި ހެދި ކަމަށް ޙުސައިން އާދަމް ވިދާޅުވިއެވެ. އަދި އެއަށް ފަހު ރަމީޒުގެ ހާލު ދެރަވެ، އޭނާ ރަށު ސިއްހީ މަރުޒަކަށް ގެންދިޔަ ކަމަށާއި، އިތުރު ފަރުވާއަށް ހއ. ދިއްދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިން ކަމަށް އޭނާ ވިދާޅުވިއެވެ.
ރަމީޒު އަވަހާރަވީ ދިއްދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށެވެ.
ރަމީޒަކީ މާރަންދޫ ކައުންސިލްގައި އެމްޑީޕީ ތަމްސީލު ކުރައްވަމުން ގެންދެވި މެންބަރެކެވެ. އުމުރުން 40 އަހަރާ ގާތްވެފައިވަނިކޮށް އޭނާ އަވަހާރަވިއިރު، އަނބިކަނބަލުންނާއި ތިން ދަރިން ވެސް ތިއްބަވައެވެ.