ޗައިލްޑް ކެއަރގެ ހިދުމަތް ލ.ގަމުގައި ފަށަން ތައްޔާރު ވެއްޖެ
ދެންމެ | 15 ސެޕްޓެމްބަރ 2024

ތުއްތުކުދިން ބަލަހައްޓައި ދިނުން (ޗައިލްޑް ކެއަރ) ގެ ޚިދުމަތް ދިނުމަށް ބިޒްކޯ ކިޑްސް ޕްރީސުކޫލުން ތައްޔާރުވެއްޖެއެވެ.

އަންނަ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ޚިދުމަތް ހޯދަން އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

މި ފުރުޞަތު ހުޅުވާލުމަށް ކުރި އިޢުލާނުގައިވާ ގޮތުން، ޗައިލްޑް ކެއަރގެ ޚިދުމަތް ދެނީ 7 އަހަރުން ދަށުގެ ކުދިންނަށެވެ.

އަދި މި ޚިދުމަތުން ފީ ގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ، މުޅި ދުވަހަށް ޚިދުމަތް ހޯދާ ނަމަ މަހަކަށް 2000 ރުފިޔާއެވެ. އަދި ބައި ދުވަހަށް ޚިދުމަތް ހޯދާ ނަމަ މަހަކަށް 1200 ރުފިޔާއެވެ.

ފީ ނަގާއިރު އެއް ދުވަސް ކަމަށް ބަލަނީ ހެނދުނު 8:15 އިން މެންދުރުފަހު 14:15އަށެވެ. އަދި ބައި ދުވަސް ގޮތުގައި ބަލަނީ 8:15 އިން 11:15 އަށް ނުވަތަ 11:15އިން 14:15އަށެވެ.

ޗައިލްޑް ކެއަރގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހަފުތާގެ ދުވަސްތަކުން އާދީއްތަ އިން ފެށިގެން ބުރާސްފަތި ދުވަހަށެވެ.

ތުއްތު ކުދިން ގެންގުޅޭ ވަޒީފާ އަދާ ކުރާ ބެލެނިވެރިންނަށް ބިޒްކޯ އިން ހުޅުވާލި މިއީ ރަނުގެ ފުރުޞަތެކެވެ.

ބިޒްކޯ ކިޑްސް ޕްރީސްކޫލަކީ މިހާރު ވެސް ބޭބީ ނާސަރީ އަދި ނާސަރީއަށް ކިޔަވައިދެމުން އަންނަ، އަމިއްލަ ފަރާތަކުން ހިންގާ ޕްރީސުކޫލެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!