ރާއްޖޭގައި މުޅިން އަލަށް ފަށާ ބަންކަރިންގެ ޙިދުމަތްތައް މިއަދު އިފްތިތާހުކޮށްފިއެވެ.
މި ޙިދުމަތް އިފްތިތާހު ކޮށްދެއްވީ މިއަދު ހަވީރު، ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ އަތޮޅު ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރުންނެވެ. އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ އަހްމަދު ސައީދާއި، ރީޖަނަލް އެެޢާޕޯޓުގެ އެމްޑީ އަހުމަދު މުބީންއާއި، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހުގެ އިތުރަށް އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.
މި ޙިދުމަތަށް ޙާއްސަކޮށްގެން ”އުތުރު އުލިގަމު އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް“ ގެ ނަމުގައި އައު އިމާރާތެއް އިއްޔެ ވަނީ އުލިގަމުގައި ގާއިމްކޮށްފައެވެ. އެ ޚިދުމަތަށް، ނެދަލޭންޑްސްގެ ”ވިޓޯލް“ ކުންފުންޏާއި އެސްޓީއޯއައި ދެމެދު ބައިނަލްއަގުވާމީ ފެންވަރެއްގައި ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެއްބަސްވުމެއް އެކުލަވާލައި ސޮއިކުރީ މިއަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ. މިއިމާރާތަކީ ބަންކަރިންގެ ޙިދުމަތްދޭ މުވައްޒަފުންނަށް އަމާޒުކޮށްގެން ބައިންލައަގުވާމީ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެއް ކަމަށް އެމްޕީއެލް ވަނީ ބުނެފައެވެ.
މި ޙިދުމަތް ދިނުމަށް އެސްޓީއޯއިން ބޭނުންކުރާނީ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި، އެމްއެސްއެސް އިން އޮޕަރޭޓްކުރަމުން އަންނަ ”ވައިސީ ބެރިއާ“ ނަމަކަށް ކިޔާ އުޅަނދެކެވެ. އެ އުޅަނދަކީ މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ އުފުލޭ ބޯޓަކަށް ވާއިރު، އެ ބޯޓަކީ 1،100 ކޮންޓެއިނަރު ވެސް އުފުލުމުގެ ގާބިލުކަން ހުރި ބޯޓެކެވެ. މީގެ އިތުރަށް އެސްޓީއޯ އިން ވަނީ ބަންކަރިންގެ ޙިދުމަތަށް އިތުރު ދެ ބޯޓެއް ވެސް ގެނެސްފައެވެ. އެގޮތުން ގެނެސްފައިވަނީ 4،000 މެޓްރިކް ޓަނުގެ ތެޔޮ އުފުލޭ ބޯޓަކާއި އަދި ،3200 މެޓްރިކް ޓަނުގެ ތެޔޮ އުފުލޭ ބޯޓެކެވެ.
ރާއްޖެ އޮންނަ ސަރަޙައްދުގެ ގޮތުން، ރާއްޖޭގެ އުތުރުގައި އޮންނަ އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށްވުރެ ގިން އާގު ބޯޓު ދަތުރުކުރާ ކަމަށް ހިސާބުތަކުން ދައްކައެވެ. އެހެން ނަމަވެސް އެ ބޯޓުތަކަށް ވެސް ބަންކަރިންގެ ޚިދުމަތް ހޯދުމަށް ދަތުރުކުރަން ޖެހެނީ ކޮލޮމްބޯގެ ބަނދަރު އަދި އިންޑިޔާގެ ބަނދަރުތަކަށެވެ. އެއީ ރާއްޖެ އޮންނަ ”ސަބް އިންޑިޔަން ކޮންޓިނެންޓް“ގައި އެ ޚިދުމަތް ފޯރުކޮށްދެނީ އެ ބަނދަރުތަކުން އެކަނި ކަމަށް ވުމުންނެވެ.
އެހެން ނަމަވެސް ރާއްޖެއިން އެ ޚިދުމަތް ފެށައިގަނެ، އެ ޚިދުމަތުގެ ފުރަތަމަ އަހަރު ވެސް ރާއްޖޭގެ އިގްތިސާދަށް 400 މިލިއަން ޑޮލަރު ވަންނާނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.