ޔޯގާއަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން އެގޮތަށް ބުނެފައި ވަނީ ޔޯގާ ހަރަކާތް ހުއްޓުވައި ދިނުމަށް އެދި މިނިސްޓްރީން މި މަހުގެ 15 ވަނަ ދުވަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީއެއްގައެވެ. މި ސިޓީ މީސް މީޑީއާގައި މިހާރު ވަނީ އާންމުވެފައެވެ. އެކަމަކު، އެ ސިޓީއާ ގުޅިގެން މިނިސްޓްރީން ވަކި އެއްޗެއް ނުބުނެއެވެ.
ސިޓީގައި ވަނީ ރާއްޖެއަކީ %100 މުސްލިމު ގައުމަކަށްވީ ހިނދު، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުން ކަމެއް ކަމެއް ކަމަށެވެ.
އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަކީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމް ވެގެންވާ ކަމެއް ކަމަށް ވެސް މި ސިޓީގައި ފަށަމުން ފާހަގަކޮށްފައިވެއެވެ.
އެކަމަކު މިހާރަކަށް އައިސް، މެޑިޓޭޝަން ގޮތުގައި ނުވަތަ ތަފާތު ބައްޔަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުންދާ ކަމަށް ވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ.
ސިޓީގައި ބުނި ގޮތުގައި ސެޕްޓެމްބަރު 2004 ވަނަ އަހަރު މިސްރުގެ ފަތުވާދޭ މަޖިލިހުން ނެރެފައިވާ ފަތުވާއެއްގައި ވަނީ ޔޯގާއަކީ މުސްލިމުންގެ މައްޗަށް ހަރާމް ކުޅިވަރެކެވެ. އެއީ ހިންދޫ ދީނުގެ އަޅުކަމާއި ގުޅިފައިވާ ކަމެއް ކަމަށާއި ކުޅިވަރެއްގެ ގޮތުގައި ނުވަތަ ކަސްރަތެއް ގޮތުގައި ވެސް އެކަން ކުރުން ހުއްދަވެގެން ނުވާ ކަމަށް ފަތިބާ މަޖިލިހުގެ ނިންމުމާ ހަވާލާދީ ސިޓީގައި ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ނޮވެމްބަރު 2008 ވަނަ އަހަރު މެލޭޝިއާގެ ގައުމީ ފަތުވާ މަޖިލިހުން ނެރެފައިވާ ފަތުވާގައި ޔޯގާއަކީ މުސްލިމުންގެ މައްޗަށް ހަރާމް ކުޅިވަރެއް ކަމަށް ބުނެފައިވާ ކަމަށެވެ. އެ ކުޅިވަރުގެ ސަބަބުން މުސްލިމުންގެ އަގީދާ އަށް އަސަރު ކުރާ ކަމަށް ބުނެފައިވެއެވެ.
މިނިސްޓްރީން ބުނީ މި މެޑިޓޭޝަނަކީ ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެއީ އެމީހުންގެ ދީނީ ސަގާފަތާއި ގުޅޭގޮތުން މެޑިޓޭޝަންގެ ނަމުން ނަންދީ އިރު އަރާ ވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުންކުރާ މިއުޒިކެއް ހިމެނޭ ހަރަކާތެއް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެހެންކަމުން މިފަދަ ކަންކަމަކީ އިސްލާމީ ޝަރީއަތާއި ހިލާފް ކަމަކަށްވާތީ އާއި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި ބެހޭ ގާނޫނުގެ ދަށުން މަނާކުރެވިފައިވާ ކަމަކަށްވާތީ، އިސްލާމީ ޝަރީއަތާއި ދިވެހި ގާނޫނުތަކާއި ގަވާއިދުތައް ނެގެހެއްޓުމަށްޓަކައި، އެފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ، އެކަށީގެންވާ ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށް އަންގައިފައެވެ.
ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަކީ ޔޫތު މިނިސްޓްރީ އާއި އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު (އައިސީސީ) އިން ގުޅިގެން ބޭއްވި ހަރަކާތެކެވެ. އެ ހަރަކާތް ކުރިއަށް ދަނިކޮށް ބަޔަކު އަރައިގަނެ، ހަމަނުޖެހުން ހިންގި މައްސަލައިގައި ފުލުހުން ވަނީ 19 މީހަކު މިހާތަނަށް ހައްޔަރުކޮށްފައެވެ