ޓެކްސީ ކުރެވޭނީ ސެންޓަރެއްގައި ރަޖިސްޓްރީ ކޮށްގެން ކަމަށް ހަދައިފި
ދެންމެ | 21 ސެޕްޓެމްބަރ 2024
ޓެކްސީ ލައިންސަންސް ދޫކުރާ އުޅަނދަކީ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށް ވާންޖެހޭ ގޮތަށް ޓެކްސީ ގަވާއިދު އިސްލާހުކޮށްފިއެވެ.

ޓެކްސީ ލައިސަންސް ދޫކުރުމުގެ ޝަރުތުތައް ޓްރާންސްޕޯޓުން އިތުރަށް ވަނީ ހަރުދަނާކޮށްފައެވެ. އެގޮތުން ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ޓެކްސީ ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދަކީ ލައިސަންސް ލިބިފައިވާ ޓެކްސީ ސެންޓަރެއްގައި ލިސްޓްކޮށްފައިވާ އުޅަނދެއްކަމުގައި ވާންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ލައިސަންސަށް އެދޭއިރު އެ އުޅަނދަކީ ޓެކްސީ ސެންޓަރެއްގައި ލިސްޓްކޮށްފައިވާ އުޅަނދެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މިނިސްޓްރީން މިހާރު އަމަލުކުރަން ނިންމާފައިވާ މި ދެޝަރުތަކީވެސް ކުރިން އުވާލާފައިވާ 2 ޝަރުތެވެ. އެހެންނަަމަވެސް މި މަހުގެ 17 ވަނަ ދުވަހު ގެނައި އިސްލާހާއެކު އެ ޝަރުތަށް އަލުން އަމަލުކުރަން މިހާރު ވަނީ ފަށާފައެވެ.

ޓެކްސީ ގަވާއިދުގެ ދަށުން ޓެކްސީ ލައިސަންސް ދޫކުރާނީ އަހަރީ ފީ ދައްކައި، ރޯޑުވާދިނަސް މިންގަނޑަށް ފެތޭ އުޅަނދަކަށެވެ. އަދި ތަރޑް ޕާޓީ އިންޝުއަރެންސް ލިބިފައިވާންޖެހޭ އުޅަނދަކަށްވާންޖެހޭނެކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި އިސްލާހުތައް ގެނެވިފައިވަނީ ޓެކްސީ ހިދުމަތް އިތުރަށް ރަނގަޅުކޮށް ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި މި އިސްލާހުތަކުގެ ސަބަބުން ޓެކްސީ ސެންޓަރުތަކުގެ ޒިންމާދާރުކަން އިތުރުވެ ހިދުމަތުގެ ފެންވަރު މަތިވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!