ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑު އަލުން އެކުލަވައިލައި ޗެއާޕާސަނަކަށް އަހްމަދު އަލީ ހަބީބު އައްޔަންކޮށްފިއެވެ.
ބީއެމްއެލް އިން މިއަދު ބުނީ ބޭންކުގެ ޚާއްސަ އާންމު ޖަލްސާ މިއަދު ބާއްވާފައިވާ ކަމަށެވެ. އަދި މި ޖަލްސާގައި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް 3 ބޭފުޅަކު އައްޔަން ކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
މި ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުށައަޅައި ބޯޑުގެ ޑިރެކްޓަރުންގެ ގޮތުގައި އައްޔަން ކޮށްފައިވަނީ އަހްމަދު އަލީ ހަބީބާއި މުހައްމަދު ޝާހިދާއި އަލީ އިރުފާނެވެ. މިއަދުގެ އާންމު ޖަލްސާއަށް ފަހު ބޭއްވި ބޭންކުގެ ބޯޑު ބައްދަލުވުމުގައި ބޭންކުގެ ޗެއާޕާސަނަކަށް ޙަބީބު ވަނީ އައްޔަން ކޮށްފައެވެ.
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި މި ތިންބޭފުޅުންގެ އިތުރުން މިހާރު ތިއްބަވަނީ ސަރުކާރުން އައްޔަނު ކުރަށްވާފައިވާ އަލީ ފާރިސް މުހައްމަދާއި އާދިލް މޫސާ އާއި ޑރ. މަރްޔަމް ސުޒީ އާދަމެވެ.
އަދި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ 3 ޑިރެކްޓަރުންނަކީ އަބްދުالله ނަސީމާއި މޫސާ ރަޝީދާއި ނަޖީމް އިބްރާހީމް ޒަކަރިއްޔާ އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ސްޓުމަކް ވަނީ މިމަހުގެ 8 ވަނަ ދުވަހު މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
ބީއެމްއެލްގެ ބޯޑު މިއަދު އެކުލަވާލައިފައި ވާއިރު، އެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އައިޝަތު ސަޖުނީ އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފައެވެ.
ބީއެމްއެލްގެ ބޯޑުގައި 11 މެންބަރުން ތިއްބަވައެވެ. އެއީ ސަރުކާރުން އައްޔަންކުރާ 8 މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ތަމްސީލުކުރާ ތިން މެންބަރުންނެވެ.