ދެ ކިލޯ ޑްރަގް އެތެރެކުރި 3 މީހުންގެ މައްޗައް ދައުވާ އުފުލަން ފޮނުވައިފި
ދެންމެ | 22 ސެޕްޓެމްބަރ 2024

މިދިޔަ ޖުލައި މަހު ވައިގެ މަގުން، ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި މައްސަލައެއްގައި ހައްޔަރުކުރި ހިމެނޭ ތިން މީހަކަށް ދައުވާކޮށް ދިނުމަށް އެދި ފްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައަކީ މިދިޔަ ޖުލައި 24 ވަނަ ދުވަހުގެ ފަތިހު 5:10 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ފްލައިޓަކުން އައި ތިން މީހަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ.

 

ތަހުގީގު ނިންމާ ދައުވާކުރަން ފޮނުވާފައިވަނީ:

ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މޮލްވި މުހައްމަދު ހާރޫން (49އ)

ވ. ސިނަމާލެ 4 3-03 ޝާހިލް މުހައްމަދު (40އ)

ހދ. ކުމުންދޫ, ނަރުގިސްވިލާ، އަހްމަދު އައްފާނު (25އ)

އެ ތިން މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ މި މަހުގެ 17 ވަނަ ދުވަހު އެ އޮފީހުން ބަލައިގެންފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މި ތިން މީހުންގެ ތެރޭގައި ހިމެނޭ މޮލްވިގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 20 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.

އެ ކޯޓު އަމުރުގައި ބުނެފައިވަނީ މޮލްވި ރާއްޖެއަށް އައިއިރު ގެނައި ލަގެޖުން 2 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އެއީ ހެރޮއިން ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!