ދަރަނީގެ މައްސަލަތަކުގެ ސަބަބުން ފީފާގެ ސަސްޕެންޝަނެއްގައި އޮތް ނިއު ރޭޑިއަންޓަށް ދީފައިވާ އަދަބުތައް އުވާލައިފިއެވެ.
ކުޅުންތެރިންގެ މުސާރަ ނުދޭ މައްސަލައިގައި ނިއު ރޭޑިއަންޓް ސަސްޕެންޑް ކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. ބިދޭސީ އަދި ދޭސީ ކުޅުންތެރިންނާއި ކޯޗުންނަށްވެސް ބޮޑެތި އަދަދުތަކުން ނުދީ އޮތް މުސާރަތަކުގެ މައްސަލައިގައި ނިއު ރޭޑިއަންޓް ފުރަތަމަ ސަސްޕެންޑް ކުރީ އެފްއޭއެމުންނެވެ. އޭގެ ފަހުން ބިދޭސީ ކޯޗުންނާއި ކުޅުންތެރިންގެ މައްސަލަތައް ބަލައި، ފަހުން ފީފާއިންވެސް ވަނީ ނިއު ރޭޑިއަންޓް ފުޓުބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑުކޮށްފައެވެ.
ނިއު އަލުން ފުޓުބޯޅައަށް ގެނައުމަށް އެކި ފަހަރު މަސައްކަތްކޮށް، އެންމެފަހުން ހަރުދަނާ ފިޔަވަޅެއްގައި އެކަން ކުރަން ފެށީ އަހުމަދު ވާސިފް ޗެއާމަނު ކަމަށް އިންތިހާބު ކޮށްގެންނެވެ. އެ މަސައްކަތަށް އެފްއޭއެމް އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ބެކިން ދީފައިވާ އިރު، އެފްއޭއެމްއިން އެންމެފަހުން ބޭއްވި އާންމު ޖަލްސާގައި ނިންމާފައި ވަނީ ދަރަނި އަދާކުރުމުން، ”އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް“އަކަށް ނުގޮސް، ނިއުގެ ސަސްޕެންޝަން އެފްއޭއެމް ބޯޑަށް އުވާލެވޭނެ ގޮތަށެވެ.
ބިދޭސީ ކުޅުންތެރިންގެ ފައިސާ ނިއުއިން މިދިޔަ ހަފުތާ ހަމަޖައްސާފައިވާ އިރު، ދިވެހި ކުޅުންތެރިންގެ މުސާރަތަކަށްވެސް ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. ބިދޭސީ ކުޅުންތެރިންގެ ފައިސާ ނިއުއިން ހަމަޖެއްސުމާއެކު ފީފާއިން ވަނީ ސަސްޕެންޝަން އުވާލައި، ޓްރާންސްފާ ބޭން އުވާލިކަން ރަސްމީކޮށް ނިއުއަށް އަންގައިފައެވެ. ފީފާގެ ސަސްޕެންޝަން މިވަގުތު އުވާލި ނަމަވެސް ނިއު އަދި އޮތީ އެފްއޭއެމްގެ ސަސްޕެންޝަނުގައެވެ.
އެހެން ނަމަވެސް، މި ހަފުތާގައި ބާއްވާ އެފްއޭއެމްގެ އެކްސްކޯ ބައްދަލުވުމުގައި ނިއުގެ ސަސްޕެންޝަން އުވާލާނެ ކަމަށް ބެލެވެއެވެ.
ސަސްޕެންޝަން ރަސްމީކޮށް އުވާ ނުލި ނަމަވެސް، ސޮބާހް މުހައްމަދު އިބްރާހިމްގެ ކޯޗު ކަމުގައި ނިއު އިން އަންނަނީ، އަންނަ މަހު ފަށަން ތާވަލުކޮށްފައިވާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންނެވެ. ފީފާގެ ޓްރާންސްފާ ބޭން އިން ކްލަބް ސަލާމަތްވުމުން ބިދޭސީ ކުޅުންތެރިން ވެސް ޓީމަށް ގެނައުމަށް އެ ކްލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އިތުރު ދިވެހި ކުޅުންތެރިންވެސް ޓީމަށް ރަޖިސްޓްރީ ކުރާނެއެވެ.