އިންޓަރނެޓް ނުލިބުމުން ތަރައްގީ އާއި އިންސާފެއް ނުލިބޭ: ރައީސް
ދެންމެ | 24 ސެޕްޓެމްބަރ 2024

ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ އިންޓަރނެޓްގެ ޚިދުމަތާ ނުލައި ދިރިއުޅެމުންދާ މީހުންކަމަށާއި، އެކަމުގެ ސަބަބުން ވަކިން ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ތަރައްޤީއާއި ޢަދުލުއިންޞާފަށް ހުރަސް އެޅޭކަމުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމެރިކާގައި ކުރިއަށްދިޔަ ”ސަމިޓް އޮފް ދަ ފިއުޗަރ“ ގެ ”އިންޓަރެކްޓިވް ޑައެލޮގް 3؛ ޓުވަރޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗަރ“ ގެ ކޯ-ޗެއަރގެ ޙައިސިއްޔަތުން ރިޔާސަތު ބަލަހައްޓަވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެއްވެސް މީހަކު ބާކީ ނުވާނެކަން ކަށަވަރު ކުރެވޭނޭ ފަދަ ސިޔާސަތުތަކެއް އެކުލަވާލުމަށް ގޮވާލައްވާފައެވެ.މިކަމަށް މަގުފަހިވާނެ މައިގަނޑު 3 ކަމެއް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވިއެވެ. އޭގެ ތެރޭގައި ޒުވާނުން ބާރުވެރި ކުރުވުމާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމާއި، އަދި ޙައްޤުތައް ރައްކާތެރިކުރުން ހިމެނެއެވެ.

ޒުވާނުން ބާރުވެރި ކުރުވުމުގެ ގޮތުން، ޑިޖިޓަލް އިޤްތިޞާދީ ވެއްޓެއްގައި ޒުވާނުން ބާރުވެރިކުރުވާނެ ޙަރަކާތްތަކެއް ފެށުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ދޭސީ އީޖާދުތަކަށް ބާރުދީ، އިޤްތިޞާދު ސިންދަފާތުކުރުމަށްޓަކައި ބޭނުންވާ ޑިޖިޓަލް ހުނަރު އާލާކޮށް ތާޒާކުރުމުގެ ދާއިރާ އިތުރަށް ފުޅާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ ގޮތުން، 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ އެޖެންޑާ ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ އަމާޒުތައް ޙާސިލުކުރުމަށް ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީން މިހާރުވެސް މި މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން، ހުއްދަ ނެތި އެކްސެސްވެވުމާއި ޑޭޓާ ޕްރައިވެސީ ނުވަތަ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުން ފަދަ ކަންކަމުގައި ހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދިނުމުގެ މުހިންމުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނޯ ފާހަގަކުރަށްވާފައެވެ. އަދި ދިވެހިރާއްޖޭގައި، ނޭޝަނަލް ސައިބަރސެކިއުރިޓީ އޭޖެންސީއެއް ޤާއިމުކޮށްފައި ވަނީ މިފަދަ ކަންބޮޑުވުންތަކަށް ރިޢާޔަތް ކުރުމަށްޓަކައި ކަމުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!