ލޮނުމެދަކީ ވަރަށް ގިނަ ކެއުންތަކުގައި ބޭނުންކުރާ މުހިއްމު ބާވަތެކެވެ. ނަމަވެސް ލޮނުމެދަކީ ވަސް ގަދަ އެއްޗެއްކަމުން، އެ ކައިފިނަމަ އަނގައިގައި އޭގެ ރަހައާއި ވަސް ގިނަ އިރުތަކަކަށް ހަރުލާފައި ހުރެދާނެތީ ބައެއް މީހުން ލޮނުމެދު ކާން ޖެހިލުންވެއެވެ.
މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު ލޮނުމެދު އަޅައިގެން ދިވެހިންގެތެރޭ އާއްމުކޮށް ކައްކާ ބާވަތްތަކުގެ މިންވަރު މަދުވި ނަމަވެސް މިއަދު އެކަން މިވަނީ މުޅިން ބަދަލުވެފައެވެ. ގޭގައި ތައްޔާރުކުރާ ވަރަށް ލުއި ކެއުންތައްކަމަށްވާ، ނޫޑްލްސް ގަނޑެއް، ބަތްގަނޑެއް، ފިހުނު ކުކުޅު އަދި އެކި ވައްތަރުގެ ބަނަހާއި ޕާނުގައި ވެސް ލޮނުމެދު ހިމަނައެވެ.
ހާއްސަކޮށް ތަފާތު އެކި ވައްތަރުގެ ސޫޕް ތައްޔާރުކޮށް އެއާއެކު ކެއުމަށް ތައްޔާރުކުރާ ޕާން ޓޯސްޓަކީ ވެސް ލޮނުމެދާ ނުލާ އޭގެ މީރުކަމާ މެދު ސުވާލު އުފައްދާ އެއްޗެކެވެ. ހަމައެއާއެކު ފިހުނު ލޮނުމެދާއި ލޮނުމެދު އަސާރަފަދަ ބާވަތްތަކަކީ ދިވެހީންގެ ދިވެހި ކެއުންތަކަށް އިތުރު ފުރިހަމަކަން ގެނެސްދޭ ބާވަތްތަކެކެވެ.
ލޮނުމެދުން ނުބައި ވަސް ދުވާތީ އެ ބޭނުން ނުކުރާ މީހުންނަށް ވެސް ލޮނުމެދުން ލިބޭ ސިއްހީ ފައިދާތައް ދެނެގަނެވުމުން ކެއުމުގައި އެ ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފައެވެ. ކެއުމުގައި ބޭނުންކޮށްލާ އެންމެ ލޮނުމެދަކުން ވެސް ކެއުންތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ އެއިން ތިމާގެ ސިއްހަތަށް ފައިދާ ކުރުވައެވެ.
ލޮނުމެދަކީ އާއްމުކޮށް ޖެހޭ ރޯގާގެ ބަލިތަކަށް ވެސް ފަރުވާއެކެވެ. މާ ބޮޑަށް އަރިދަފުސް ރޯގާ ޖެހުމުން ލޮނުމެދު ތެޔޮ ބޭނުންކުރުމަކީ ދިވެހީންގެ މެދުގައި ވެސް އާއްމުކަމެކެވެ.
ދެހާސްވިހި ވަނަ އަހަރު މެޓާ އެނަލައިސިސްއިން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި ވަރަށް މަދު ސައިޑް އެފެކްޓްތަކާ އެކު ލޮނުމެދަކީ ލޭ މައްޗަށްދާ މީހުން ބޭނުންކުރާ ބޭސްތަކާ ދާދި އެއްވައްތަރެއްގެ ބާވަތެކެވެ.
ލޮނުމެދުގައި އެކުލެވޭ ’އެލިސިން‘ ކިޔާ ކޮމްޕައުންޑެއްގެ ސަބަބުން ލޭ ހޮޅިތަކުގައި ތެރޭ ނުރަނގަޅު ސަރުބީ ހަރުލުމަށް ހުރަސް އަޅައެވެ. މީގެއިތުރުން ހަށިގަނޑުގައި ކޮލެސްޓްރޯލް އުފެދޭ މިންވަރު ލޮނުމެދުގެ އެހީގައި ކޮންޓްރޯލްކޮށްދެއެވެ.
ނަމަވެސް މާގިނައިން ލޮނުމެދު ކައިފިނަމަ އެއިން ފުރަމެއަށް ގެއްލުން ލިބުމުގެ ފުރުސަތު ބޮޑެވެ. ހަމައެއާއެކު އަނގައިން ނުބައި ވަސްދުވުމާ ބޭރަށް ހިންގުމުގެ މައްސަލަ ދިމާވެ ހޮޑުލެވި މެއިން ދިލަ ނެގުމަކީ ވެސް ލޮނުމެދު މާ ގިނައިން ކައިފިނަމަ ދިމާވެދާނެ މައްސަލަތަކެވެ.