ސިޔާސީ ސަބަބަށް ދަރިންނާ ބެހުން ހުއްޓެން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ އެގޮތަށް ވިދާޅުވީ އޭނާގެ ދަރިފުޅު އައްފާން އަބްދުއް ސައްތާރު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ ވީޑިއޯއަކާ ގުޅިގެން ”ދިޔަރެސް“ ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާން، މާރިޔާއާ ކުރި ސުވާލަކަށް ޖަވާބު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.
މި ޓުވީޓުގައި އަޒާން އާ ދެމެދު ދެކެވުނު ވާހަކަތަކުގެ ސްކްރީން ޝޮޓެއް ވެސް މާޜިޔާ ވަނީ އާންމު ކުރައްވައިފައެވެ.
މާރިޔާގެ ދަރިފުޅުގެ ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެއީ ތެދެއްތޯ ސުވާލު ކުރުމުން މާރިޔާ ވިދާޅުވީ ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުން ނުދާ ކަމަށެވެ.
އަދި އޭނާގެ ދަރިފުޅު އެއްވެސް މީހަކާ އެކީ ޖިންސީ ގުޅުން ހިންގާ ވީޑިއޯއެއް ދައުރު ނުވާ ކަމަށް ވިދާޅުވިއެވެ.
އޭގެފަހުގައި މާރިޔާ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވައި ޓުވީޓު ކުރައްވައިފައެވެ.
މާރިޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ނޫސްވެރިން ކޮންމެ ކަމެއްގެ ތެރެއަށް އޭނާގެ ދަރިން ހިމަނައިގެން ހެޑްލައިން ހަދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
”ސިޔާސީ ސަބަބަށް ޓަކައި ދަރިންނާ ބެހުން ހުއްޓަން ޖެހޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ސިޔާސީ ދާއިރާގައި އުޅޭ އަންހެނުންނަށް ކުރާ ދުއްތުރާ“ މާރިޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.