އެއީ އެންމެ ކުޑައިރުންސުރެ ވަރަށް ގުޅިގެން އެކުގައި އުޅުނު 2 އުޚުތުންނެވެ. ކައިވެނިކުރާ ޢުމުރަށް އެޅުމުން ފުރަތަމަ ކައިވެނީކުރީ ދޮށީ ދައްތައެވެ. ދައްތަގެ ކައިވެންޏަށް 10 އަހަރުފުރުނުއިރުވެސް ކޮއްކޮ ކައިވެންޏެއް ނުކުރެއެވެ. ކައިވެނިކުރާ ވާހަކައެއްވެސް ނުދައްކައެވެ. އެހެންވެ ދައްތަވެސް އެބާވަތުގެ ވާހަކައެއް ނުދައްކައެވެ.
މައިންބަފައިން ނިޔާވުމުން ކޮއްކޮވެސް ދިރިއުޅުނީ ދައްތަމެންގެ ގާތުގައެވެ. އެއީ ދައްތަގެ ފިރިމީހާގެ ގެއެއް ހުރެފައި ވަކިން ދިރިއުޅޭނެ ޢާއިލީ ގެއެއް ނެތުމުންނެވެ. ވަރަށް އެކުގައި ދިރިއުޅެމުން އައިސް ކޮއްކޮގެ ކިބައިން ފެންނަން ފެށީ ވަރަށް އާދައާ ޚިލާފް ކަމެކެވެ. އެއީ ދައްތަގެ ފިރިމީހާ އާއި މާބޮޑަށް ގާތްވާން މަސައްކަތްކުރުމެވެ.
އެކަމަށް ޝައްކުވެގެން ކޮއްކޮ ގާތު އެހުމުން ބުނީ ޅިޔަނާއި ދެމީހުން 2،3 ރޭ އެކުގައި ނިދައިފިވެސް ކަމަށެވެ. ފިރިމީހާ އެކަމަށް ވަގުތުން އިންކާރުކުރިއެވެ. އެހަދަނީ ބޮޑު ދޮގެއްކަމަށްވެސް ބުންޏެވެ.
ދައްތަގެ ވިސްނުމަށް އެވަގުތު ކަމެއް އައުމުން ކޮއްކޮ އާއި ސުވާލުކުރިއެވެ. ”ކޮއްކޮ ތިއަ ބުނަނީ ތެދެއްނަމަ ނިކަން ބުނެބަލާށެވެ! އެކުގައި ރޭކުރިނަމަ ފިރިމީހާގެ އިން ”ބާތުމާކް“ (އުފަންވާއިރު ހަށިގަނޑުގައި ހުންނަ ޚާއްޞަ ފާހަގަ) ވާނީ ފެނިފައެވެ. އެފާހަގަ އިންތަން ނިކަން ބުނެބަލާށެވެ.“
ކޮއްކޮއަށް ނުބުނެވުމުން ދައްތަ ބުންޏެވެ. ”ކޮއްކޯއެވެ! އަހަރެން އެންމެ ބޮޑަށް ލޯބިވާންޖެހޭނެ މީހަކީވެސް ކޮއްކޮއެވެ. ނަމަވެސް ކޮއްކޮ ތިއަކުރި ކަންތަކުގެ ސަބަބުން އިތުރަށް ދެބެއިން އެކުގައި ދިރިއުޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަކުވެސް ކޮއްކޮ ތިއަގޮތަށް ކަންތައް ތިއަކުރި ސަބަބު ނިކަންބުނެދީބަލާށެވެ.“
އެއްވެސް ޖެހިލުންވުމެއްނެތި ކޮއްކޮ ބުންޏެވެ. ”ދައްތަ ކައިވެނިކުރިއިރުވެސް އަހަރެން ޅިޔަނު ދެކެ ލޯބިވާކަން ހަމަ ވަރަށް ރަނގަޅަށް އެނގޭނެއެވެ. އަހަރެން މިހައިދުވަސްވަންދެންވެސް ކައިވެންޏެއް ނުކޮށް މިހުރީ އެހެން މީހަކާއި ކައިވެނިނުކުރަންވެގެންނެވެ. އެހެންވެ އެންމެ ފަހުން ދޮގުހަދައިގެންވެސް ދޭތެރެ ޖެއްސޭތޯ މަސައްކަތްކުރެވުނީއެވެ.“
ދައްތަ ބުނީ ކޮއްކޮ އުޅޭނެ ތަނެއް ހަމަޖައްސައިދޭނެ ކަމަށާއި ނަމަވެސް ދެން މިގޭގައި އެކުގައި ދިރިނުއުޅެވޭނެ ކަމަށެވެ. އެއީ ދެމަފިރިންގެ ދިރިއުޅުމަށް ކުރިމަތިވެދާނެ ހުރަސްތަކަށްޓަކައި ކަމަށެވެ. އެހެން ބުނެފައި ތަނެއް ކުއްޔަށް ހިފާފައި ކޮއްކޮ ގެއިން ނެރުނީއެވެ.
މިވާހަކަކޮޅު ކިތަންމެ ކުރު ނަމަވެސް މިވާހަކަކޮޅަށް ވިސްނައިލުން ބުއްދިވެރިއެވެ. ފުރަތަމަ ކަމަކީ ދެބެއިން ނުވަތަ ވަރަށް ގާތް ދެއެކުވެރިންކަމުގައިވާނަމަ އަނެކާ އިންތިހާއަށް ލޯބިވާ މީހަކާއި ކައިވެނިކޮށްފިނަމަ ކިތަންމެ ގިނަ ދުވަސްތަކެއް ފާއިތުވިނަމަވެސް މާފުނުކުރެވި އޮތުމެވެ. އެކަމުގެ ބަދަލު ހިފަން މަސައްކަތްކުރެވުމެވެ.
މިދެބެއިންނަށް ބަލާއިރު ކޮއްކޮގެ މަންމަގެ މަޤާމުގައިހުރީވެސް ދައްތައެވެ. ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުން ގެންދިއައީވެސް ދައްތައެވެ. އެހުރިހާ ކަންކަމަށްވުރެ އިސްކުރެވިފައި އެވަނީ އޭނާ ލޯބިވާ މީހަކާއި ކައިވެނިކުރުމުން ދައްތަގެ މައްޗަށް ހިތުގައި އުފެދުނު ހަސަދަވެރިކަމެވެ.
އެއީ އެކަން ވާންޖެހޭނެ ގޮތްކަމަށް ބުނަނީއެއް ނޫނެވެ. އަދި އެކަމަށް ތާއީދުކުރަނީއެއްވެސް ނޫނެވެ. ނަމަވެސް ކަންކަން ހިނގަމުންދަނީ މިފަދަ ގޮތަކަށްކަމަށްވުމުން މިކަމަކީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭ ކަމެކެވެ. އަޅުގަނޑަށް އެނގިފައިވާ މިފަދަ ކަންކަމަށް ބެލިނަމަވެސް އެފަދަ ގޮތަކަށް ކަންކަން މެދުވެރިވުމުން އަޅާނުލައި ދޫކޮށްލެވިފައި ނުވަތަ ބަދަލު ހިފަން ނުއުޅެ ދޫކޮށްލެވިފައިވަނީ ހަމަ ވަރަށް މަދު މީހަކަށެވެ. ޙަޔާތުގެ ކޮންމެވެސް ހިސާބަކުން ކޮންމެވެސް ސިފައެއްގައި ބަދަލުހިފަން މަސައްކަތްކުރެއެވެ. އަނެކާގެ ދިރިއުޅުމަށް ގެއްލުންދޭން މަސައްކަތްކުރެއެވެ. އަދި ގިނަ ފަހަރަށް އެފަދަ ބަދަލުހިފުންތަކުގެ ނަތީޖާ އޮންނަނީ ވަރަށް ހިތިވެފައެވެ.
އެހެންކަމުން އަޅުގަނޑު ބުނާނީ ތިމާ އެމީހަކުދެކެ ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް ތިމާގެ އުޚުތަކު ނުވަތަ އެފަދަ ގާތް އެކުވެރިއަކު ލޯބިވގެން އުޅޭނަމަ އެމީހަކާއި ނުގުޅުމަށެވެ. އެފަދަ ގުޅުމެއްގެ ތެރެއިން ލިބޭ އުފަލަށްވުރެ ފަހުން ކުރަންޖެހޭ ހިތާމަ މާބޮޑުވާނެތީއެވެ.