އެމްއޭސީއެލުން ބަހާލި 25000 ރުފިޔާގެ ބޯނަހުން، އެންމެން ހޭ ހުސްވެއްޖެ
ދެންމެ | 30 ސެޕްޓެމްބަރ 2024

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ކޮންމެ މުވައްޒަފަކަށް ބޯނަހުގެ ގޮތުގައި 25،000 ރުފިޔާ ދޭން ނިންމައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގަމުން އަންނަ އެމްއޭސީއެލްގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ ބޯނަހުގެ ގޮތުގައި 25،000ރ. ދޭން ނިންމައި، އެ ފައިސާ މުސާރައާ އެކުގައި ޖަމާކުރަން ވަނީ ފަށައިފައެވެ.

އެމްއޭސީއެލްގެ މުވައްޒަފުންގެ ތެރެއިން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އެކައުންޓް ގެންގުޅޭ މުވައްޒަފުންނަށް މުސާރަ އާ އެކުގައި ބޯނަސް ފައިސާ މިހާރު ވަނީ ޖަމާވެފައެވެ. އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކައުންޓް ގެންގުޅޭ މުވައްޒަފުންނަށް ވެސް މިއަދު ހަވީރު އެ ފައިސާ މުސާރައާ އެކު ޖަމާވާނެ ކަމަށްވެއެވެ.

އެ ކުންފުނިން އަހަރީ ބޯނަސް ދެނީ އަހަރުގެ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަހު ވަޒީފާ އަދާކުރި މުވައްޒަފުންނަށާއި، ހަ މަސް ދުވަހު ވަޒީފާގައި އުޅުމަށް ފަހު، ކެނޑުނު މުވައްޒަފުންނަށް މަސައްކަތްކުރި ދުވަހުގެ މުއްދަތަށް ބަލައިގެންނެވެ. ނަމަވެސް، އަޚުލާޤީ މައްސަލައެއްގައި އެ މުއްދަތުގައި ވަޒީފާއިން ވަކިކޮށްފައިވާ ނަމަ އެފަދަ މުވައްޒަފުންނަށް ބޯނަހެއް ނުދޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ހޯދަމުން އަންނަ އެއް ކުންފުނީގެ ގޮތުގައި ހިމެނޭ އެމްއޭސީއެލްއަށް ވަނީ މިދިޔަ އަހަރު ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!