ހަސަބާއި ނަސަބަށް ބެލުމެއް ނެތި، ހުރިހާ ކުދިން ޝާމިލުވާ ގޮތަށް ކޮންމެ ކުއްޖަކާ ހިސާބަށް ތައުލީމުގެ ފުރުސަތު ވާސިލުވާން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު ސެންޓަ ފޮ ހަޔަ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި ބޭއްވި ހަތް ވަނަ ”އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް“ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސާޖިދާ ވިދާޅުވީ ކުދިންގެ ހަސަބާއި ނަސަބަށް ބެލުމެއް ނެތި، ހުރިހާ ކުދިން ޝާމިލުވާ ގޮތަށް ކޮންމެ ކުއްޖަކާ ހިސާބަށް ތައުލީމުގެ ފުރުސަތު ވާސިލުވާން ބޭނުންވާ ކަމަށެވެ. ހަމަހަމަ ފުރުސަތު ފަހިކޮށްދީ، ކޮންމެ ކުއްޖަކުމެ ތައުލީމުގައި ޝާމިލުވާކަން ޔަގީން ކުރުމަކީ އަބަދުވެސް ދިވެހިރާއްޖޭގެ ތައުލީމު ކުރިއެރުވުމުގައި އިސްކަންދެމުން އައި ގޮތް ކަމަށެވެ.
އެކަމަނާގެ ވާހަކައިގައި، މުދައްރިސުންގެ ދުޅަހެޔޮ ކަމަށް އަމާޒުކޮށް ތައުލީމީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ ވައުދުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.
އެގޮތުން ސްކޫލުގައި ހޭދަކުރަން ޖެހޭ ވަގުތު ވަކިވަރެއްގައި ހިފެހެއްޓުމާއި ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ ފަންނީ ބޭފުޅުންގެ އިދާރީ މަސައްކަތްތައް މަދުކޮށް، އުނގަންނައިދިނުމުގެ ކަންކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ވަގުތު ހުސްކޮށްދިނުން ފަދަ ކަންކަން ފާހަގަކުރެއްވި އެވެ.
މީގެއިތުރުން މުދައްރިސުންނަށް ފަންނީ ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދީ، މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންގޮސް، ތާޒާކުރުމުގެ ޕްރޮގްރާމުތައް ރާވައި ހިންގާ، ނަފުސާނީ ދުޅަހެޔޮ ކަމަށް އެހީތެރިކަން ފޯރުކޮށްދިނުން މުހިންމު ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ތައުލީމީ ނިޒާމުގައި ހުރި ދަތިތަކާއި ހުރަސްތަކަށް އަލިއަޅުއްވާލައްވާ ސާޖިދާ ވަނީ ރާއްޖޭގެ ރަށްތައް ވަކިވަކިން ހުރުމުގެ ސަބަބުން ރަށްފުށުގެ ތައުލީމީ ނިޒާމު ހަރުދަނާ ކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށް އެކުގައި މަސައްކަތްކޮށް، ބިނާކުރަނިވި ހައްލުތައް ހޯދައި ތައުލީމީ ވަސީލަތްތަކާއި ގޮތްތަކާއި ފުރުސަތުތައް އިތުރު ކުރުމުގައި ޓެކްނޮލޮޖީގެ ދައުރު ފާހަގަކުރައްވާފަ އެވެ.
އިތުރަށް ވިދާޅުވި ގޮތުގައި ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށް މުދައްރިސުންގެ ދައުރު އަދާކުރުމުގެ އިތުރުން ރަށްރަށުގައި ކިޔަވައިދޭ ޓީޗަރުން އެ މުޖުތަމައުތަކުގެ މުރުޝިދުންނާއި ވެރީންގެ ގޮތުގައި ހަރަކާތްތެރިވާ ކަމުގަ އެވެ.
މި ކޮންފަރެންސްގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ ރައީސްގެ އަނބިކަނބަލުންނަށް ހަނދާނީ ފިލައެއް އަރުވާފަ އެވެ.
”އެޑިއުކޭޓް، އެމްޕަވަ، އެލެވޭޓް؛ އިކުއިޓަބަލް އެޑިއުކޭޝަން ފޮ ޓުވެންޓީ ފަސްޓް ސެންޗަރީ އެޑިއުކޭޝަން އެކްސަލަންސް“ މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ އެ ކޮންފަރެންސަކީ މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުން އުނގަންނައިދޭ ފަރާތްތަކާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ކަމާ ގުޅުންހުރި ބޭފުޅުން އެއްތަނަކުން ބައްދަލުވެ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ބައްދަލުވުމެކެވެ.