އޯބަތް ނުވަތަ (ފެނުގްރީކް) އަކީ 2 ނުވަތަ 3 ފޫޓުގެ ދިގުމިނުގައި ހެދޭ ފެހިކުލައިގެ ފަތްހުންނަ އަދި ކުދި ހުދުކުލައިގެ މަލެއް އަޅާ ބާވަތެއްގެ ގަހެކެވެ. މީގެ އެތައްހާސް އަހަރު ކުރިން ފެށިގެން ޗައިނާގައި ޚާއްސަކޮށް ހަމުގެ ބަލިތަކާއި އަދި އެހެނިހެން ބަލިތަކަށް ފަރުވާ ކުރުމުގައި ބޭނުން ކުރަމުންދާ އެއްޗެކެވެ.
އޯބަތަކީ ޒަމާނުއްސުރެން ދިވެހިން ހަކީމީ ބޭސްވެރިކަމުގައި ބޭނުންކުރާ ބާވަތެކެވެ. އަދި ދިވެހި ކެއްކުންތަކުގެ ރަހަ ރަނގަޅު ކޮށްލުމަށް ބޭނުންކުރާ އެއްޗެއްވެސް މެއެވެ. އޯބަތަކީ ދިވެހިހަވާދާއި އަސާރަ ފަދަ ތަކެތި ތައްޔާރު ކުރުމަށްވެސް ބޭނުންކުރާ އެއްޗެކެވެ. އާންމު ގޮތެއްގައި ދެކުނު އޭޝިއާގެ ބައެއް ޤައުމުތަކުގެ މީހުން އޯބަތް ބޭނުންކުރަނީ ކެއުން ތައްޔާރުކުރުމަށެވެ. އޯބަތް ގަހުގެ ފަތާއި ތަނޑުގަނޑު ފަދަ ތަކެތި ރޯ ތަރުކާރީގެ ގޮތުގައި ކައިއުޅެއެވެ. ޚާއްސަކޮށް ތަފާތު ކެއުންތަކުގައި ރަހަ ބަދަލުކޮށްލުމަށް އޯބަތް ފަތް ބޭނުންކޮށް އުޅެއެވެ.
މޭޒުމަތީ ސަމްސަލެއްގެ އޯބަތުގައި 35 ކެލޮރީ ހުންނައިރު 3 ގްރާމް ފައިބާރ، 3 ގްރާމް ޕްރޮޓީން، 6 ގްރާމް ކާބޯހައިޑްރޭޓްސް، 01 ގްރާމް ފެޓްސް ހިމެނެއެވެ.
ސިއްޙީ ބައެއް ފައިދާތައް
ކުޑަދަރިފުޅު ހެދި ބޮޑުވުމަށް އެންމެ މުހިންމީ ގާތުންދޭ ކިރު ކަމުގައިވާއިރު، އޯބަތް ބޭނުންކުރުމުން ކިރު އުފެދޭ މިންވަރު އިތުރުވާ ކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން ’ހެލްތްލައިން‘ ގައި ވާގޮތުން 77 މަންމައިން ބޭނުންކޮށްގެން ކުރެވުނު 14 ދުވަހުގެ ސާވޭއަކުން، އޯބަތާއެކު ހާބަލްޓީ ބޭނުންކުރި މައިންގެ ގާތުންދޭ ކިރުގެ މިންވަރު އިތުރުވެފައިވާކަމަށް ބުނެފައިވެއެވެ.
ހަށިގަނޑުގައި ހިމެނޭ ހަކުރުގެ މިންވަރު ދަށްކޮށްދިނުން
ޓައިޕްވަންގެ ޑައިބެޓީސް ހުންނަ މީހަކަށް، 50 ގްރާމް އޯބަތް މެންދުރާއި ރޭގަނޑު ބޭނުން ކުރުމުން 10 ދުވަސް ފަހުން ލޭގައި ހުރި ހަކުރުގެ މިންވަރު ދައްވެފައިވާ ކަމަށާއި އަދި ހަކުރުބަލި ނުހުންނަ މީހަކަށް ދިނުމުން 4 ގަޑިއިރު ފަހުން 13.4 އިންސައްތަ ލޭގައި ހަކުރު ހިމެނޭ މިންވަރު ދަށްވެފައިވާކަމަށްވެއެވެ. މީގެ އިތުރުން ބަރުދަން ލުއި ކުރުމަށާއި ކޮލެސްޓްރޯލް ދަށްކުރުމަށް، އަދި މޭއެންދުމުގެ މައްސަލަތަކަށްވެސް އޯބަތް ބޭނުންކުރުމުން ލުއި ލިބޭކަމަށް ދިރާސާތަކުން ދައްކާފައިވެއެވެ.