ގަވައިދާ ހިލާފު 8 ބިދޭސީން އަތުލައިގެންފި
ދެންމެ | 06 އޮކްޓޯބަރ 2024

ހުޅުމާލޭގެ 2 އެކޮމޮޑޭޝަން ބްލޮކެއް ބަލައިފާސްކޮށް، 8 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިކަމާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާ އިމިގްރޭޝަނުން ވިދާޅުވީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައިފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ ދެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، 8 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އަދި އަލަށް އިމިގްރޭޝަނަށް ވަންނަ އޮފިސަރުންނަށް ދޭ ޚާއްސަ ތަމްރީނުގެ ދަށުން މި ރެއިޑުގައި “އިމިގްރޭޝަން އޮފިސަރ ޓްރެއިނީސް” ބައިވެރިވެފައި ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

އިމިގްރޭޝަނުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 4054 ބިދޭސީން ވަނީ އަނބުރާ އެ މީހެއްގެ ޤައުމަށް ފޮނުވާލާފައެވެ. މިގޮތުން އެންމެ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލާފައިވަނީ މިއަހަރުގެ ޖޫން މަހުގައެވެ. އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ހިލާފަށް ވިޔަފާރިކުރާ މީހުންނާއި، ލިޔެކިޔުން ފުރިހަމަނުކޮށް އުޅޭ މީހުން ހިމެނެއެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް ވަނީ ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!