އިންޑިއާއާއި ރާއްޖޭގެ ގުޅުން އަލުން ރަނގަޅުވުމުން ވަރަށް ބޮޑަށް އުފާފުޅުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މި ވެރިކަން ފެށުނުއިރު އިންޑިއާއާއި ރާއްޖޭގެ ގުޅުން އެހާ ރަނގަޅެއް ނޫނެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހު ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެ ގައުމުގެ ރައްޔިތުންނަށް ކުޑައިމީސްވާ ގޮތަށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކާ ގުޅިގެން ދެ ގައުމުގެ ގުޅުން އިންތިހާއަށް ގޯސްވި އެވެ.
ނަމަވެސް ފަހުން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ އިރު ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގަ އެވެ. އަދި މާދަމާ މޯދީއާ ބައްދަލުވެސް ކުރައްވާނެ އެވެ.
ރައީސްގެ ދަތުރުފުޅަށް އިޝާރާތްކޮށް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި އިންޑިއާއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ނަޝީދު ވިދާޅުވީ އިންޑިއާއާއި ރާއްޖެއަކީ އެއްގޮތް ވަރަށް ގިނަ ކަންތައްތަކެއް ހުރި ދެ ރަހުމަތްތެރިން ކަމަށެވެ.
އޭގެ މިސާލެއްގެ ގޮތުން މިއުޒިކާއި، ފިލްމާއި، ކާނާއާއި، ސަގާފަތާއި، ތާރީހާއި އަދި ޖޯގްރަފީގެ ގޮތުން ވެސް ދެ ގައުމު ވަރަށް އެއްގޮތަށް ކަމަށް ގާނާގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ ނަޝީދު ވިދާޅުވި އެވެ.
”ދެ ގައުމުން އަބަދުވެސް ތިބެން ޖެހޭނީ ރަހުމަތްތެރިންގެ ގޮތުގައި. އަލުން ގުޅުން އިއާދަވެ މައްސަލަ ހައްލުކުރެވިގެން ދިއުމަކީ އަޅުގަނޑު ވަރަށް އުފާވާ ކަމެއް. މޯދީއާއި ރައީސް މުއިއްޒުއަށް މަރުހަބާ“ ނަޝީދުގެ ޕޯސްޓުގައި ވިދާޅުވި އެވެ.