ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި، އެ ގައުމުގެ ސަރުކާރުން މިއަދު ރަސްމީކޮށް މަރުހަބާ ދަންނަވައިފި އެވެ.
އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފަރާތުން ރައީސް މުއިއްޒަށް ރަތް ދޫލައިގެ މަރުހަބާއެއް ދެންނެވީ ނިއު ދިއްލީގައި ހުންނަ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ ރާޝްތުރަޕަތީ ބަވަންގަ އެވެ. އެ ރަސްމިއްޔާތުގައި ވަނީ ރައީސް މުއިއްޒުގެ ޝަރަފުގައި 20 ބަޑީގެ ސަލާމެއް ވެސް އަރުވައިފަ އެވެ.
ރައީސް މުއިއްޒުގެ ދެކަނބަލުންނާއި ސަރުކާރުގެ އިސް ވަފުދެއް އިންޑިއާއަށް ވަޑައިގަތީ އިއްޔެ އެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރައީސްގެ ދެކަނބަލުން ކުރައްވާ މި ތާރީހީ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އިތުރުން އާގަރާ އާއި މުމްބާއީ އަދި ބެންގަލޫރަށް ވަޑައިގެން ރަސްމީ ބައްދަލުވުންތަކާއި ދެ ގައުމުގެ ވިޔަފާރީގެ ދާއިރާތަކުން މަޝްވަރާތައް ކުރައްވާ ގޮތަށް ވަނީ ހަމަޖައްސަވައިފަ އެވެ.
ރައީސް އާއި ބޮޑުވަޒީރު މޯދީއާ އެކު ރަސްމީ މަޝްވަރާތައް މިއަދު މެންދުރު ފަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބަސްވުންތަކުގައި ސޮއިކުރުން ވެސް މިއަދު އޮންނާނެ އެވެ.
އިންޑިއާގެ ނިއު ދިއްލީގައި ދިރިއުޅޭ ދިވެހިންނާ ރައީސް މުއިއްޒު ރޭ ބައްދަލުކުރެއްވި އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި އެ މަނިކުފާނު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ގައުމަށް ކުރައްވާ ފުރަތަމަ ފުރަމާާނަ ދަތުރުފުޅެވެ. އެކަމަކު، ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ ޖޫން މަހު ވެސް ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތެވެ. އެ ދަތުރުފުޅުގައި މޯދީއާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމުގެ މަޝްވަރާތައް ދެ ބޭފުޅުން ކުރެއްވި އެވެ.
ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާގެ ބޮޑުވަޒީރު މޯދީއާ އެންމެ ފުރަތަމަ ބައްދަލުކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ކޮޕް ސަމިޓުގެ ހަވާސާގެ ތެރެއިންނެވެ. ނިއު ދިއްލީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ރައީސްގެ މި ދަތުރުފުޅާ ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިންނަށް ފައިދާވާނެ ކަންކަން ފެންނާނެ ކަމަށެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަނީ ވަރަށް ޒަމާންވީ ގާތް ގުޅުމެއް ކަން ފާހަގަކުރައްވައި ވިދާޅުވީ، މި ދަތުރުފުޅާ އެކު އެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމަށް ފައިދާވާ ކަންކަން އިތުރަށް ފުރިހަމަވާނެ ކަމަށެވެ.