ދިވެހިރާއްޖޭގައި އިނޑިއާގެ ރުޕޭ ކާޑް ބޭނުން ކުރެވޭ ގޮތް ހަދައިފިއެވެ.
ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހަދާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ރައީސް ޑރ.މުއިއްޒު އެކުގައި ދެއްވި މީޑިއާ ސްޓޭޓްމެންޓްގެ ތެރެއިންނެވެ. ރުޕޭ ކާޑް ތައާރަފް ކުރުމުގެ ގޮތުން އެވަގުތު ވަނީ ޓްރާންސްކަޝަނެއް ހަދާފައެވެ.
ރުޕޭ ކާޑު ތައާރަފުކުރުމާ އެކު ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިން އަދި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުގައި ވެސް ރުޕޭ ކާޑު ބޭނުންކުރެވޭނެ އެވެ. ރުޕޭއަކީ އިންޑިއާގައި ވަރަށް ބޮޑަށް މަގްބޫލުކަން ހޯދާފައިވާ ޑެބިޓް އަދި ކްރެޑިޓް ކާޑު ޕޭމަންޓް ނެޓްވޯކެކެވެ.
ރުޕޭ ކާޑް ރާއްޖޭގައި ބޭނުން ކުރެވޭ ގޮތް ހެދުމަކީ ދެ ގައުމުގެ ރައްޔިތުން ނަށް ވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. ހާއްސަކޮށް އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށާއި އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށާއި ރާއްޖޭގައި އުޅޭ އިންޑިއާގެ ފަރާތްތަކަށް މި ކާޑްގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މޯބައިލް ފޯނު މެދުވެރިކޮށް އިންޓަ ބޭންކް މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެންޕީސީއައި އިން އުފައްދާފައިވާ ރިއަލް ޓައިމް ޕޭމަންޓް ސިސްޓަމް އިންޑިއާގައި ތައާރަފް ކޮށްފައި ވަނީ މީގެ އަށް އަހަރު ކުރިންނެވެ.