ލޯބިލޯބިން “ތާޖުމަހަލް“ އަށް ރައީސްގެ ދެކަނބަލުން ޒިއާރަތް ކޮށް، މާފޮޅުވާލައިފި
ދެންމެ | 08 އޮކްޓޯބަރ 2024

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިންޑިއާގެ އާގްރާގައި ހުންނަ ތާޖް މަހަލަށް ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސްގެ ދެކަނބަލުން ތާޖްމަހަލަށް ޒިޔާރަތް ކުރައްވާފައިވަނީ އިންޑިއާގެ ރައީސް ދުރޫޕަތީ މުރުމޫގެ ދަޢުވަތަކަށް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ހެނދުނެވެ.

ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ ތާޖްމަހަލަށް ވަޑައިގެން އެތަން ބައްލަވާލައްވާފައެވެ. މި ދަތުރުފުޅުގައި އިންޑިއާގެ އިތުރު ސިޓީތަކަށްވެސް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ތާޖް މަހަލްއަކީ ދުނިޔޭގެ 7 އަޖައިބުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް އަޖައިބުގެ ގޮތުގައި ބަލައިގަނެފައިވާ ތަނެކެވެ. މިތަނަކީ ފަތުރުވެރިންނާއި ދުނިޔޭގެ އެކި މީހުންގެ މެދުގައި މަޤުބޫލު ބިނާއެކެވެ. މި ބިނާއަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު ނިއުދިއްލާއަށް ވަޑައިގަންނަވާ ހުރިހާ ލީޑަރުންނަށްވެސް އިންޑިއާ ސަރުކާރުން ދެއްވައެވެ.ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި ހިމެނޭ ތާޖް މަހަލަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަޤްބޫލު މަންޒިލެކެވެ.

ޚާއްސަކޮށް، ޗުއްޓީ ބަންދުގައި ތާޖް މަހަލަށް ގިނަ އަދަދަކަށް ދިވެހިންވެސް ޒިޔާރަތް ކުރެއެވެ. ތާޖް މަހަލަކީ އިންޑިއާގެ އާގްރާގައި 17 ވަނަ ޤަރުނުގައި އިމާރާތް ކުރި ބިނާއެކެވެ. މި ބިނާއަކީ މަޝްހޫރު މޫގަލް އެމްޕެރަރ ޝާހް ޖަހާން އޭނާގެ އަނބިކަނބަލުން މުމްތާޒްގެ ހަނދާނުގައި ބިނާ ކުރެއްވި ގަނޑުވަރެކެވެ. އދ ގެ ޔުނެސްކޯއިން ވަނީ ތާޖް މަހަލްއަކީ ވޯލްޑް ހެރިޓޭޖް ސައިޓެއްގެ ގޮތުގައިވެސް ކަނޑައަޅާފައެވެ.

ދައުރުވަމުންދާ ފޮޓޯތަކާއި ފޮޓޯތަކުން ފެނިގެންދާ ގޮތުގައި އެދެކަނބަލުން ވަނީ އެސަރަހައްދުގައި ލޯބި މާހައުލުގައި މާފޮޅުވާލާފަ އެވެ.

ރައީސް ޑރ. މުއިއްޒުގެ ދެކަނބަލުން އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެގައުމުގެ ރައީސްގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!