ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
ރާއްޖެ ހިމެނޭ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ މުޅި ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި ބައެއް ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.
މިއަދު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިޖެހޭނެކަމަށް އެ އިދާރާއިން ލަފާކުރަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދެއެވެ.
ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު ރާޅުގެ އުސްމިން ހުންނާނީ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތަކުގައި 5 ފޫޓާއި 8 ފޫޓާއި ދެމެދުގައިކަމަށާއި ދެކުނުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓުގެ އުސްމިނުގައިކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
ވުމާއެކު ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ފާއިތުވީ 24 ގަޑިއިރުގެ ތެރެގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ހދ. ހަނިމާދޫއަށެވެ. އެއީ 53.3 މިލިމީޓަރުގެ ވާރެއެވެ. ހއ. ކުޅުދުއްފުއްޓަށް 45.7 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު ރ. އިފުރަށް ވަނީ 39.5 މިލިމީޓަރުގެ ވާރޭވެހިފައެވެ.