ފޮނަދޫގައި ނެޓްވޯކް ހުއްދަ ނުދީ ހިފަހައްޓާފައިވަނީ އުސޫލެއް ހަމައެއް ނެތި: އަތޮޅު ކައުންސިލް
ދެންމެ | 09 މެއި 2022

ފަންބޮނޑި މޯލްޑިވްސްއަށް  ލާމް ފޮނަދޫގައި ’ އޯޕަން އެކްސަސް ފައިބަރ ނެޓްވޯކެއް ’ ގާއިމް ކުރުމުގެ ހުއްދަ ފޮނަދޫ ކައުންސިލުން ނުދީ ހިފަހައްޓާފައި ވަނީ އުސޫލުން ބޭރުން ގަވައިދާއި ހިލާފަށް ކަމަށް ލާމް އަތޮޅު ކައުންސިލުން ބުނެފި އެވެ.

ރާއްޖޭގައި ފުރަތަމަ ފައިބަރ އޯޕަން އެކްސަސް ނެޓްވޯކް ގާއިމް ކުރި ފަންބޮނޑި މޯލްޑިވްސްއަށް މިކަމާއި ގުޅޭ ގޮތުން ލާމް އަތޮޅު ކައުންސިލުގެ ސެކްޓަރީ ޖެނެރަލް ސޮއިކުރައްވާ ފޮނުވި ސިޓީގައި ބުނެފައި ވަނީ އެކުންފުނިން ފޮނަދޫގައި “ އޯޕަން އެކްސަސް ފައިބަރ ނެޓްވޯކެއް“ ގާއިމް ކުރުމަށް ހުއްދަ ނުދިނުމަށް ފޮނަދޫ ކައުންސިލުން ނިންމާފައިވާ ނިންމުމަކީ އެއްވެސް އުސޫލެއް ހަމައެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި ފޮނަދޫ ކައުންސިލުން މިފަދަ ކަންކަމުގައި އަމަލް ކުރާނެ އުސޫލެއް މިއަދާއި ހަމައަށް ހަދައި ތަންފީޒު ކުރަމުން ނުދާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އަތޮޅު ކައުންސިލްގެ ނައިބް ރައީސްކަން ވެސް ކުރައްވާ ފޮނަދޫ ކައުންސިލުގެ ރައީސް އަހުމަދު ރިޔާޒު ސޮއިކުރައްވާ ފަންބޮނޑިއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އެރަށުގައި މިހާރު ވެސް ތިން ފަރާތަކުން ފައިބަރ އޯޕަން އެކްސަސް ނެޓްވޯކެއް ގާއިމްކޮށް ހިދުމަތް ދެމުންދާތީ ހުއްދަ ދެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް ފަންބޮނޑި މޯލްޑިވްސް އިން އެލްޖީއޭއަށް ފޮނުވާ ސިޓީގައި ބުނެފައި ވަނީ އެރަށުގައި ހަމައެކަނި ފައިބަރ ނެޓްވޯކެއް ގާއިމްކޮށްފައި ވަނީ ދިރާގުން ކަމަށެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ބޭނުން ކުރާ ފައިބަރ އޯޕަން އެކްސަސް ނެޓްވޯތަކަކީ ޓެކްނޮލޮޖީގެ އެތައް ހިދުމަތްތަކެއް އެންމެ ކަނެކްސަނެއް މެދުވެރިކޮށް ލިބިދޭ ގޮތަށް ފަރުމާ ކޮށްފައިވާ އިންފްރާސްޓަކްޗަރ ނިޒާމެކެވެ.

ފަންބޮނޑިން ގެންދަނީ މިހާރު ވެސް އިތުރު ހަތް ރަށުގައި މިފަދަ ނެޓްވޯކްތަކެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

 

 

 

ގުޅުންހުރި ލިޔުންތައް